ޔޫރަޕްގައި މިވަގުތު އެންމެ ރަނގަޅު ފުޓްބޯޅައެއް ކުޅެމުންދަނީ މެންޗެސްޓާ ސިޓީ ކަމަށް އެ ކްލަބުގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ 'ގްރޫޕް އެފް'ގައި މިރޭ ޝަޚްތާރު ޑޮނެސްކްއާ ދެކޮޅަށް ސިޓީން ނުކުންނާނީ މޮޅުވުމުގެ 100 ޕަސެންޓް ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖް ނިންމާލުމަށެވެ. މިސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ސިޓީ ބަލިވެފައެއް ނުވެއެވެ. ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ފިޔަވާ ހުރިހާ މެޗެއް ސިޓީން ވަނީ ކާމިޔާބުކޮށްފައެވެ.

ކޯޗު ގާޑިއޯލާއާ އެކު ބާސެލޯނާގައި ވެސް މަސައްކަތް ކޮށްފައިވާ ޓޫރޭ ބުނީ، ޔޫރަޕްގައި މިވަގުތު އެންމެ ރަނގަޅު ކުޅުން ދައްކާ ކްލަބަކީ ސިޓީ ކަމަށް ވިޔަސް އެ ކްލަބުން ބޭނުންވަނީ އެންމެ މޮޅެތި ޓީމުތަކާ ވާދަކުރަން ކަމަށެވެ.

"ޔޫރަޕްގައި މިވަގުތު އެންމެ ރަނގަޅު ކުޅުމެއް ދައްކާ ކްލަބަކީ ސިޓީ. އެހެން ޓީމުތަކުން އަހަރެމެންނަށް އިހުތިރާމްކުރާ ކަމަށް އަހަރެން ގަބޫލުކުރަން. އަހަރެމެން މިވަގުތު މިދަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދަމުން. އަހަރެމެން ކުޅެމުން މިދަނީ ވަރަށް އިތުބާރާ އެކު. އަހަރެމެން މެޗުތައް ކޮންޓްރޯލް ކުރަމުން މިދަނީ ވެސް ވަރަށް ރަނގަޅަށް،" ޝަޚްތާރުއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓޫރޭ ބުންޏެވެ.

ސިޓީން ގްރޫޕުގެ އެއް ވަނަ މަގާމު ކަށަވަރުކޮށްފައިވާ އިރު، މިރޭ ކުޅޭ މެޗަކީ ޝަޚްތާރަށް ވަރަށް މުހިންމު މެޗެކެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ޖާގައެއް ކަށަވަރު ކުރުމަށްޓަކައި ސިޓީ އަތުން ޝަޚްތާރުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. މިރޭ ކުޅޭ އެ ގްރޫޕުގެ އަނެއް މެޗުގައި ބައްދަލުކުރާނީ ނަޕޯލީ އާއި ފެޔެނޫޑެވެ. ގަދަ 16ގެ ޖާގައެއް ނަޕޯލީއަށް ލިބެން އޮތީ ފެޔެނޫޑް އަތުން މޮޅުވެ، ސިޓީ އަތުން ޝަޚްތާރު ބަލިވެގެންނެވެ.