06 Dec 2017, 13:05
ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދަރިފުޅު ރޮނާލްޑޯ ޖޫނިއަރ ނަމޫނާއެއްގެ ގޮތުގައި ބަލަނީ ނުވަތަ އޭނާގެ "އައިޑަލް"އަކީ ބާސެލޯނާގެ ތަރީ ލިއޮނަލް މެސީ ކަމަށް "ކުޑަރޮނާލްޑޯ" ބުނެފިއެވެ.
އުމުރުން ހަތް އަހަރުގެ ރޮނާލްޑޯ ޖޫނިއަރ ހިލޭ ޖެހުމަކުން ގޯލެއް ޖަހާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މީގެ ކުރީން ވަނީ އާންމުވެފައެވެ. އެއާއެކު ރޮނާލްޑޯ ޖޫނިއަރއަކީ އޭނާގެ ބައްޕަ ޕޯޗްގީޒްގެ ސުޕަރސްޓާ ކްރިސްޓިއާނޯގެ "ފިޔަވަޅުމަތީގައި ހިނގާ" ކުއްޖެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ކުޑަރޮނާލްޑޯ މިހާރު ވަނީ އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓެއް ބޭނުންކުރަން ފަށައިފައެވެ. އެގޮތުން އޭނާ ފުރަތަމަ ކޮށްފައިވާ ޕޯސްޓްތަކުގެ ތެރޭގައި، މެސީއާ ދޭތެރޭ އޭނާގެ ހިތުގައިވާ ލޯތްބާއި އިހްތިރާމް ވަރަށް ބޮޑަށް ފެނިގެންގޮސްފައިވެއެވެ.
ފީފާ ދަ ބެސްޓް ފުޓްބޯލް އެވާރޑްސް ހަފްލާގައި މެސީއާއެކު ރޮނާލްޑޯ ޖޫނިއަރ ނަގާފައިވާ ފޮޓޯއަކާއެކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި "ޝުކުރިއްޔާ އަހަރެންގެ 'އައިޑަލް' މެސީ" ލިޔެފައިވެއެވެ.