އިންޑިއާ އާއި ސްރީލަންކާ އާ އެކު ރާއްޖެއިން ވަރަށް ގާތް ގުޅުމެއް ބާއްވަން ޖެހޭ ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެއްދަވަނީ އެކަން ކުރައްވަމުން ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާމިރު ވިދާޅުވީ އިންޑިއާ އަދި ސްރީލަންކާއާ އެކު ގާތް ގުޅުން ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން ކުރައްވަމުން ގެންދާވާ މަސައްކަތް ނުފެނި ރާއްޖެއާއި އެ ގައުމުތަކާ މެދު ފިތުނަ އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އާމިރު ވިދާޅުވީ، ރާއްޖެއާއި އެހެން ގައުމުތަކާ މެދު ފިތުނަ އުފެއްދުމުގެ ގޮތުން ތަފާތު ގޮތް ގޮތަށް ވާހަކަ ދެއްކުމަކީ ގައުމީ ކުލުނު ހުރި އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫންކަމަށެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، މި ސަރުކާރުން ނިންމާ ނިންމުންތަކުގެ ފައިދާ ކުރާނެ ކަމަށާއި މި ސަރުކާރަކުން އާދައިގެ ނިންމުމެއް ނުނިންމާނެ ކަމަށެވެ.

ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ހުސައިން ވިދާޅުވީ، އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކްގައި ރާއްޖެއިން ބައިވެރިވާން ނިންމުމުން އޭގައި ބައިވެރިވާނެ ގައުމެއް ނުވާނެ ކަމަށް ބުނެ އިނދިކޮޅު ފަރާތްތަކުން ފާޑުކިޔާފައިވާ ކަމަށެވެ. ނަމަވެސް އޭގައި ބައިވެރިނުވާ އެއްވެސް ގައުމެއް ޔޫރަޕްގައިވެސް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކްގައި ބައިވެރިވާން ނިންމި ހިނދު އިނދިކޮޅު ފަރާތްތަކުން ބުނަމުން އައީ ނޫނެކޭ. ބަލަ ގޯހެކޭތީ. ކޮން ބައެއްތޯ ތީގަ ބައިވެރި ވާނީ. ދަންނަވަންތޯ މުޅި ޔޫރަޕްގައިވެސް ނެތް އޭގައި ބައިވެރި ނުވާ އެއް ގައުމެއްވެސް. އެޔޮއްބޮޑު އެމެރިކާވެސް އެ އޮތީ އޭގައި ހިއްސާވަން ތައްޔާރުވެފައި،" ހުސައިން ވިދާޅުވިއެވެ.

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، ރާއްޖެއިން ގުޅުން ބަދަހިކުރަނީ ހަމައެކަނި ޗައިނާއާ އެކު ނޫން ކަމަށާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާ ކޮންމެ ގައުމަކާ އެކު ރައީސް ޔާމީންގެ ސަރުކާރުން ގުޅުން ބަދަހިކުރާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

"ޗައިނާ އާކު ގުޅުން ބަދަހި ކުރާނަށް. އަޅުގަނޑުމެންނަށް ވަކި ގާނޫނެއް ނެތް. އަޅުގަނޑުމެންނަށް އޮތީ އަޅުގަނޑުމެންނާ އެއްކޮށް ގުޅިގެން މަސައްކަތްކުރާ ކޮންމެ ގައުމަކާ އެއްކޮށް ގުޅުން ބަދަހިކޮށްގެން މަސައްކަތް ކުރުން،" އިބްރާހިމް ދީދީ ވިދާޅުވިއެވެ.