ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިއަށް ގެންދާހިޔާމަޝްރޫއުގެ ދަށުން 15 ބުރީގެ ދެ އިމާރާތް އަޅައިދޭނޭ ބަޔަކު ހޯދުމަށް އެމްޑަބްލިއުއެސްސީން އިއުލާނުކޮށްފިއެވެ.

ކޮންޓްރެކްޓަރ ފައިނޭސިން އުސޫލުގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމަޝްރޫއުގައި ޤާއިމްކުރެވިގެންދާ ކޮންމެ އިމާރާތަކަށް 12،000 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައެޅިފައެވެ.

އެމްޑަބްލިއުއެސްސީން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކުންފުންޏަށް 15 ބުރީގެ ދެ އިމާރާތް އަޅައިދޭން ޝައުގުވެރިވާ ފަރާތްތަކުން، މިހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ 00;15 ކުރިން އެ ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގެ ފަސް ވަނަ ފަންގިފިލާ)އަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ފާހަގަކޮށްފައިވާ ގޮތުން، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މިމަޝްރޫއުގެ ސަބަބުން އެމްޑަބްލިއުއެސްސީގެ ގިނަ މުވައްޒަފުންނަށް ބޯހިޔާ ވަހިކަން ޔަގީންވެގެންދާނެއެވެ.

"ހިޔާ"ގެ ނަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއެއް މިދިޔަ ހަފްތާ އިފްތިތާހުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެ މަޝްރޫއުގެ ދަށުން 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތް ކުރަން ވަނީ ނިންމައިފައެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި ސަރުކާރު ކުންފުނިތައް އަދި އަމިއްލަ ބައެއް ކުންފުނިތައް ވެސް ބައިވެރިކޮށްގެންނެވެ.

ޓަވަރު އަޅަން ނިންމާފައިވާ ކުންފުނިތައް:

  • ސްޓެލްކޯ އިން 15 ބުރީގެ 2 ޓަވަރު

  • ކަސްޓަމްސް އިން 15 ބުރީގެ 4 ޓަވަރު
  • އައިލެންޑް އޭވިއޭޝަން އިން 15 ބުރީގެ 3 ޓަވަރު
  • އެމްޓީސީސީ އިން 15 ބުރީގެ 2 ޓަވަރު
  • ވެމްކޯ އިން 15 ބުރީގެ ޓަވަރެއެ
  • އެމްއާރްޑީސީ އިން 15 ބުރީގެ ޓަވަރެއް
  • އެމްޕީއެލް އިން 14 ބުރީގެ ތިން ޓަވަރު
  • ފެނަކައިން 15 ބުރީގެ ޓަވަރެއް