05 Dec 2017, 23:39
'މޯލްޑިވްސް މިއުޒިކަލް އިވްނިންގ 2017'ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯވއެއް ޕާކިސްތާނުގައި ބާއްވައިފިއެވެ.
މިއަދު ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރޭ ޕާކިސްތާނުގެ ނެޝަނަލް ތިއޭޓަރުގައި ބޭއްވި އެ ޝޯވއަކީ ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު ސަގާފީ ދާއިރާއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީއާ، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއާ ޕާކިސްތާނުގެ ނެޝަނަލް ކައުންސިލް ފޯ އާރޓްސްއާ ގުޅިގެން ބޭއްވުނު ޝޯވއެއް ކަމަށެވެ.
އެ ޝޯވްގެ ކޯ-ސްޕޮންސާ ކޮށްފައިވަނީ ޕާކިސްތާނުގެ ލާހޫރާއި ކަރާޗީގައި ތިއްބަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް އިން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މި ހަފްލާގައި ދިވެހިރާއްޖޭގެ މަޝްހޫރު ފަންނާނުންކަމުގައިވާ ރާފިޔަތު ރަމީޒާއާއި، ޢަލީ ޢަބްދުލްކަރީމް (ރުކުމާ) އާއި، ސާދިން އަލީ އާއި ނަވީޒް ސަލީމް، ދިވެހި ލަވައާއި ޕާކިސްތާނުގެ ގިނަލަވަތަކެއް ހުށަހަޅާދެއްވިއެވެ.
މޯލްޑިވްސް މިއުޒިކަލް އިވްނިންގައި ޕާކިސްތާނުގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި، ޕާކިސްތާނުގެ ޕާރލަމެންޓު މެމްބަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އާންމުންގެ ވަރަށް ގިނަބަޔަކު ބައިވެރިވެ ވަރަށް ހޫނު ތަރުހީބެއް ލިބިގެންދިޔަ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.