ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަރަބި ކަނޑަށް ހުރަސް ކުރުމުގެ ހުއްދަ ސްރީލަންކާ އުޅަނދުތަކަށް ދިނުމުގެ އެއްބަސް ވުން އުވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހަޅުއްވަމުން ފުނަދޫ ދާއިރާގެ މެންބަރުން އަލީ ސަލީމް ވިދާޅުވީ، އެފަދަ އެއްބަސްވުމެއްގައި ސޮއި ކޮށްފި ކަމަށް ދެ ގައުމުގެ ސަރުކާރުން ހާމަކޮށްފައިވާއިރު ރާއްޖޭގެ ކަނޑުގައި އެތައް މަސްތިލަތަކެއް ހުންނަކަން ބޭރުގެ ފަރާތްތަކަށް އެނގޭ ކަމަށެވެ. އަދި އެ ކަމުގައި ރާއްޖެއަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ ރާއްޖޭގެ މަސްވެރިކަން ދަށްވެފައިވާއިރު، ލަންކާގެ މަސް ބޯޓު ތަކުން އަރަބި ކަނޑަށް ނުކުންނައިރު ރާއްޖޭގެ ކަނޑުގައި ދާ އަޅައިގެން މަސް ހިފިޔަސް އެކަން ބެލޭނެފާދަ ގާބިލްކަން ނެތުން ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަކީ އިނދަޖެހިފައިވާ ރާއްޖޭގެ އިގްތިސާދަށް އިތުރު ނުރައްކަލަކަށް ވީހިނދު އެމްޑީޕީ ސަރުކާރަށް އައުމަށް ކުރި ވައުދު ކަމުގައިވާ މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދޭނެ ކަމަށް ބުނެފައިވާއިރު މަސްވެރިންގެ އެންމެ ބޮޑު އެދުން ކަމުގައިވާ، ރާއްޖޭގެ ކަންޑުތަކުން ބޭރުގެ ފަރާތްތަކަށް މަސް ހިފުމަށް ދީފައިވާ ހުއްދަ އުވައިލި ކަމަށް ބުނެ އެހެން ނަމެއްގައި އަނެއްކާ ވެސް ހުއްދަ ދިނުމަކީ އަޑިނޭގޭ ޑީލްތަކެއް ހިމެނޭކަމަށް ތުހުމަތު ކުރެވޭކަމެއް،" އަލީ ސަލީމް ވިދާޅުވި އެވެ.

އަލީ ސަލީމް ވިދާޅުވީ، އެ އެއްބަސް ވުމުގައި، ދަތުރު ކުރުމުގެ 48 ގަޑިއިރު ކުރިން ރާއްޖޭގައި ހުންނަ ލަންކާ އެންބަސީއަށް އެންގުމުން ހުއްދައިގެ ކަންތައް ހަމަޖެހޭކަމަށް ވާއިރުއިރު އެކަން ފެތެނީ ކޮން މެރިޓައިމް ގާނޫނަކަށްތޯ އާއި ކޮން މެރިޓައިމް ގާވައިދަކަށްތޯ ސުވާލު އުފެދޭކަމަށެވެ. އަދި އެ މައުލޫމާތު ދިވެހިންނަށް ފުރަތަމަ ވާސިލްވީ ލަންކާ ސަރުކާރުން ނެރުނު ބަޔާނަކުން ކަމަށާއި ފިޝަރީސް މިނިސްޓްރީގައި ވަގުތީ ވަޒީރުގެ ގޮތުގައި ހުންނެވި ޑރ. އިބްރާހިމް ދީދީ އެކަމުގައި އިތުރު ފުޅު ހައްދަވާފައިވާ ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރުގެ ބަހުން ސާބިތުވާތީ ރާއްޖޭގެ މަސް ކަނޑުތަކާއި މަސްވެރި އާއިލާތައް ހިމާޔަތް ކުރުމަށް އެ އެއްބަސްވުން އުވާލަން ގޮވާލައި ގަރާރު ހުށަހެޅުއްވީ ކަމް ވެސް ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވުމުން މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 33 މެންބަރުން މައްސަލައަށް ބަހުސް ކުރަން ފެންނަކަމަށް ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވީރު ވަކި ގޮތަކަށް ވޯޓު ނުދެއްވައި 13 މެންބަރުން ތިއްބެވި އެވެ.