ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ޞާލިހް، އަޑިއަޑިން ރާވަމުންދިޔަ ރޭވުންތެރިކަމުގެ ސަބަބުން ޔަމަނަށް ސަލާމަތީގޮތުން ކުރިމަތިވި ނުރައްކާތައް އެމަނިކުފާނު އަވަހާރަކޮށްލުމާއެކު ނައްތާލެވިއްޖެކަމަށް ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ހޫޘީ ޖަމާއަތުގެ ލީޑަރު އަބްދުލް މާލިކް އަލް ހޫޘީ ވިދާޅުވެއްޖެއެެވެ.

ސައުދީއާ ދެކޮޅަށް ޞާލިހް ކުރިން ހަނގުރާމަކުރައްވަމުން ދިޔަޔަސް ފަހުން އެމަނިކުފާނު ވަނީ ސައުދީއާ އެއްބައިވެފައި ކަމަށްވެސް އަބްދުލް މާލިކް އަލް ހޫޘީ ވިދާޅުވިއެވެ. ހޫޘީ ވިދާޅުވީ ޞާލިހް ކުއްލިއަކަށް ކޮޅު ބަދަލުކުރެއްވުމުގެ ސަބަބުން އެންމެންނަށް ވެސް ކުއްލި ހައިރާންކަމެއް ލިބުނު ކަމަށާއި އަދި ޔަމަނުގެ ވެރިރަށް ސަނާގެ ގިނަބައެއްގެ މެދުގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ.

އަވަހާރަކޮށްލުމުގެ ތިން ދުވަސް ކުރިން ޞާލިހް ވަނީ ސައުދީން ޔަމަނުގެ އެއްގަމާއި ވައިގެ ބޯޑަރުތައް ހިސާރުކޮށްފައިއޮތް އޮތުން ނިމުމަކަށް ގެނެސްފިނަމަ ސައުދީއާއެކު އާފެށުމަކުން ފަށަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

ހޫޘީން ވަނީ ޞާލިހްގެ ނިންމުން ވަރަށް ބޮޑަށް ކުއްވެރިކޮށް، ބަޣާވާތެއްގެ ގޮތުގައި އެކަން ސިފަކޮށްފައެވެ.

އަބްދުލް މާލިކް އަލް ހޫޘީ ވިދާޅުވީ، ޞާލިހް ކޮޅުބަދަލުކޮށް އެގައުމުގައި ހަމަނުޖެހުންތައް އުފައްދައް ފެށުމުން އެކަން ހުއްޓުމަށް އެންގިކަމަށާއި ނަަމަވެސް ޞާލިހަށް ވާގިވެރިވާ ފަރާތްތަކުން ސަނާގެ މަގުތައް ބަންދުކުރި ކަމަށެވެ. އަދި އެ މީހުން މަސައްކަތްކުރީ ޔަމަނުގެ އެހެނިހެން ޕްރޮވިންސްތަކުގައި ވެސް އެފަދައިން އަމަލުކުރުމަށް ކަމަށް ހޫޘީ ވިދާޅުވިއެވެ.

ޞާލިހަށް ވާގިވެރިވާ ހަނގުރާމަވެރިން ސައުދީ ކޯލިޝަންއާ ދެމެދު ގުޅުން އޮންނަ ކަމަށް ވެސް ހޫޘީ ވަނީ ތުހުމަތުކޮށްފައެވެ. އަދި ޞާލިހް ރާވައިގެން އުޅުނީ ޔަމަނުގެ ހަނގުރާމަ ނިމުމުން އޭނާއަށް އަލުން ވެރިކަން އަނބުރާ ހޯދުމަށްކަމަށް ވެސް ހޫޘީ ވިދާޅުވިއެވެ. ޔަމަނުގައި ކުރިން ވެރިކަން ކުރެއްވި ޞާލިހް އަކީ ކުރިން ސައުދީއާ ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ބޭފުޅެކެވެ.

ޞާލިހް ވަނީ އޮކްޓޫބަރު މަހު އޮޕަރޭޝަނެއްވެސް ކުރައްވައިފއެވެ. ޔަމަނުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތްނަމަވެސް ސައުދީން ވަނީ ޞާލިހްގެ އޮޕަރޭޝަން ކުރުމަށްޓަކައި ރަޝިއާގެ ޑޮކްޓަރުންތަކެއް ޔަމަނަށް ވަނުމުގެ ހުއްދަ ދީފައެވެ. އެދުވަސްވަރު ސައުދީއާ ޞާލިހް އަޑިއަޑިންޑީލްއެއް ހެއްދެވި ކަމަށްވެސް ވަރަށް ބޮޑަށް އަޑުފެތުރިގެން ދިޔައެވެ.

ޔަމަނުން ދާދި ފަހުން ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ ނިއުކުލިއާ ޕްލާންޓަކަށް ދިން ބެލެސްޓިކް މިސައިލް ހަމަލާއަށް އިޝާރަތްކޮށް ހޫޘީ ވިދާޅުވީ އެ ހަމަލާއިން ދުޝްމަނުންގެ ގައުމުތަކުގައި އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް އެނގިގެން ހިނގައްޖެ ކަމަށެެވެ. ސައުދީ އަދި ޔޫއޭއީގައި ގާއިމްވެގެން ތިބި ކުންފުނިތަކުން އެގައުމު ދޫކޮށް ދިޔުމަށް ވެސް ހޫޘީ ވަނީ އިންޒާރުދީފައެވެ.