05 Dec 2017, 19:05
ރެއާލް މެޑްރިޑް ދޫކޮށް، ބަޔާން މިއުނިކްއާ ގުޅުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށް ކުރިން ހީކުރެވުނު ކަމަށް ބަޔާންގެ ތަޖުރިބާކާރު ނެދަލެންޑްސް ވިންގާ އާރްޔެން ރޮބެން ބުނެފި އެވެ.
ބަޔާންއާ 2009 ވަނަ އަހަރު ގުޅުމުގެ ކުރިން ރޮބެންއަށް ރެއާލަށް އެންމެ ރަނގަޅު ކުޅުން ދެއްކިފައިނުވަނީ އޭނާއަށް ކުރިމަތިވި އަނިޔާތަކުގެ ސަބަބުންނެވެ.
ބަޔާންގައި ވެސް އަނިޔާގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރޮބެން ވަނީ ބަޔާންއާ އެކު ހޭދަކުރި އަށް ސީޒަނުގެ ތެރޭގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެ ތެރޭގައި ހަ ސީޒަނެއްގައި ބަޔާންއާ އެކު އޭނާ ދެއްކި ކުޅުން ފާހަގަކޮށްލެވެ އެވެ.
ފާއިތުވެދިޔަ ސީޒަނުތަކުގައި ބަޔާނުން ހޯދި ކާމިޔާބީތަކުގެ ފަހަތުގައި އެންމެ އިސްދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ރޮބެން އެވެ. އުމުރުން 33 އަހަރުގެ ރޮބެން ވަނީ ބަޔާންއާ އެކު 13-2012 ސީޒަނުގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.
"މި ކްލަބަށް ބަދަލުވުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށް އަހަރެންނަށް ހީކުރެވުނު. އަހަރެން ބަޔާންއާ ގުޅުނުއިރު ބައިނަލްއަގުވާމީ ފެންވަރުގެ އެއްވެސް ކާމިޔާބެއް މި ކްލަބަށް ހޯދިފައެއް ނުވޭ. އަހަރެން މި ކްލަބާ ގުޅި، އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދައްކައި، ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަކީ އަޒުމެއް ކަމުގައި ކަނޑައެޅިން،" ޔޫއެފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރޮބެން ބުންޏެވެ.
ރޮބެން ބުނީ، ރެއާލް ދޫކޮށް ބަޔާންއާ ގުޅުން ވެގެންދިޔައީ ވަރަށް އުނދަގޫ ނިންމުމަކަށް ކަމަށާއި ބަޔާންއާ ގުޅުން ވެގެންދިޔައީ ވަރަށް ރަނގަޅު ނިންމުމަކަށް ކަމަށެވެ. އަދި ކެރިޔަރުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކުނީވެސް ބަޔާންއާ އެކު ކަމަށް ވެސް އޭނާ ބުންޏެވެ.