05 Dec 2017, 18:54
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވެއްޑެ) އާއި މުހައްމަދު އަމީތު އަދި ސައުދު ހުސައިންގެ މައްޗަށް ދައުލަތުން އުފުލި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އަށް އެ ތިން ބޭފުޅުން އިންކާރު ކުރައްވައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ އައިޝަތު އަޒުލީނާ ވިދާޅުވީ އެ ދައުވާ އުފުލާފައި ވަނީ މަޖިލީހުގެ މުވައްޒަފުން ނޫން މީހުން މަޖިލީހަށް ވަނުން މަނާކޮށްފައި ވަނިކޮށް މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެ ތިން ބޭފުޅުން މަޖިލީހަށް ވަދެވަޑައިގެންފައިވާތީ ކަމަށެވެ.

ފުލުހުންގެ ސަފުތައް ފޫއަޅުވާލުމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ މެމްބަރުން މިއަދު ކްރިމިނަލް ކޯޓު ސަރަހައްދުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަޒުލީނާ ވިދާޅުވީ މަޖިލީހުގެ އިރުމަތީ ގޭޓުން އެ އިދާރާގެ ގޯތިތެރެއަށް އެ ތިން ބޭފުޅުން ވަދެވަޑައިގެންފައިވާ ކަމަށެވެ.
އެ ދައުވާ ސާބިތުކުރަން ހުރި ހެކިތަކަކީ ސީނަށް ދިޔަ ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ޑިފެންސް މިނިސްޓްރީއަށް ފޮނުވި ދެ ސިޓީއަކާއި އިލެކްޝަންސް ކޮމިޝަންގެ ސިޓީ އަކާއި ކޮމިޝަންގެ ނިންމުމެއް ކަމަށް އަޒުލީނާ ވިދާޅުވިއެވެ.
ވަކީލާ ވިދާޅުވިގޮތުގައި ޑިފެންސް މިނިސްޓްރީއަށް މަޖިލީހުން ފޮނުވި ފުރަތަމަ ސިޓީ އަކީ މަޖިލީސް ސަރަހައްދުގައި ގާނޫނާއި ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާތީ މަޖިލީސް ކުރާ ގެއާއި ގޯތިތެރޭގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި ފޮނުވި ސިޓީއެވެ.

މުހައްމަދު އަމީތު މިއަދު ކޯޓަށް ހާޒިރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދެވަނަ ސިޓީ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ބަޔަކު މަޖިލީހުގެ ތެރެއަށް ވަދެފައިވާތީ އެ މީހުން މަޖިލީހުގެ ތެރެއިން ނެރެދިނުމަށް ޑިފެންސް މިނިސްޓްރީއަށް މަޖިލީހުން ފޮނުވި ސިޓީ ކަމަށް ވަކީލާ ވިދާޅުވިއެވެ.
ވަކީލާ ވިދާޅުވިގޮތުގައި ހެކީގެ ގޮތުގައި ހުށަހަޅާ އިލެކްޝަން ކޮމިޝަންގެ ސިޓީ އަކީ ވައްޑެ އާއި ސައުދު އަދި އަމީތުގެ ނަން ޕީޕީއެމްގެ ދަފްތަރުން އުނިކޮށް އެ ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނިންމުމެއްގެ ގޮތުގައި ހުށަހަޅަނީ ތުލުސްދޫ ދާއިރާ އާއި ވިލިނގިލި ދާއިރާ އަދި މަޑުއްވަރީ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އެ ކޮމިޝަނުން ނިންމި ނިންމުމެވެ.

ވައްޑެ އާއި ސައުދު މިއަދު ކޯޓަށް ހާޒިރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދުގެ އަޑުއެހުމުގައި އެ ތިން ބޭފުޅުންގެ ވަކީލާ ހިސާން ހުސައިން ވަނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ބައެއް ކަންކަން ހުށަހަޅާފައެވެ.
އެގޮތުން މަޖިލީހުގެ އިދާރާ އިން ޑިފެންސް މިނިސްޓްރީ ސިޓީ ފޮނުވީ ކޮން ވަގުތެއްގައިކަން ސާފުކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.
ދައުލަތުގެ ވަކީލާ އަޒްލީނާ ވިދާޅުވީ އެ މައުލޫމާތު ސާފުކުރުމަށްފަހު ދެން އޮންނަ އަޑުއެހުމެެއްގައި ހިއްސާ ކުރެއްވާނެ ކަމަށެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ އެ ތިން ބޭފުޅުންނަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އަބްދުﷲ ޝާހިދު އާއި އިބޫ އަދި ފަލާހު މިއަދު ކޯޓަށް ހަޒިރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ މައްސަލައިގެ އަޑުއެހުން ގާޒީ އާދަމް އާރިފް ނިންމަވާލެއްވީ އިތުރު އަޑުއެހުމެއް އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހުއެވެ.
ވައްޑެ އާއި އަމީތު އަދި ސައުދު ވެސް ހިމެނިވަޑައިގަންނަވާގޮތަށް އިތުރު ނުވަ މެމްބަރެއްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާގެ އަޑުއެހުން ވެސް މިއަދު ބޭއްވިއެވެ.
އެ އަޑުއެހުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އެމީހަކު އިޚްތިޔާރުކުރާ ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.

އަލީ ހުސައިނާއި ހުސައިން އަރީފް އަދި ފަލާހު މިއަދު ކްރިމިނަލް ކޯޓު ކުރިމަތީގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަލީ ހުސައިން ވިދާޅުވީ އޭނާ އިޚްތިޔާރުކުރާ ގާނޫނީ ވަކީލު ވަނީ ސަސްޕެންޑުކޮށްފައި ކަމަށާއި އެހެންކަމުން ވަކީލަކު ހަމަޖެއްސޭނީ އެ ވަކީލުގެ ސަސްޕެންޝަން އުވާލުމުން ކަމަށެވެ.
ގާޒީ އާދަމް އާރިފް ވިދާޅުވީ ސަސްޕެންޑުކޮށްފައި ހުރި ވަކީލެއްގެ ސަސްޕެންޝަން އުވާލާނެ ދުވަހެއް ކޯޓަކަށް ނޭނގޭނެ ކަމަށެވެ. އެހެންކަމުން ވަކީލަކު އިޚްތިޔާރުކުރާއިރު ސަސްޕެންޝަންގައި ނެތް ވަކީލަކު އިޚްތިޔާރު ކުރަން ގާޒީ ވަނީ އަލީ ހުސައިނަށް ނަސޭހަތްތެރިވެފައެވެ.
ގާޒީ މިއަދު ވަނީ ވަކީލަކު ހަމަޖައްސަން އިތުރު ފަސް ދުވަހުގެ މުއްދަތެއް އަލީ ހުސައިނަށް ދެއްވާފައެވެ. އޭނާ ފިޔަވައި އެހެން މެމްބަރުން ވަނީ ވަކީލަކު ހަމަޖައްސާފައެވެ.
ދައުވާ ލިބޭ އެހެން މެމްބަރުންގެ ވަކީލާ ހިސާން ހުސައިން ޗުއްޓީއަކަށް އެދިވަޑައިގެންފައިވާތީ ގާޒީ މިއަދު ވަނީ ހިސާންގެ ޗުއްޓީ ވެސް ހަމަޖައްސާފައެވެ.

މުހައްމަދު އަބްދުލް ކަރީމް މިއަދު ކޯޓަށް ހާޒިރުވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮނާނީ އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ކަމަށް މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އާދަމް އާރިފް ވިދާޅުވިއެވެ.
ދައުވާ އުފުލި 12 މެމްބަރުން
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
- ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
- މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
- ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ
- ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
- ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
- ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
- ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު
- ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
- ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
- ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
- މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު