ލަންޑަން (އޮގަސްޓް 8) : އެފްރިކާގެ ދަޅުގެ ޤައުމުތައް ކަމަށްވާ ސޮމާލިޔާ، އިތިއޮޕިޔާ ޖިބޫތީ، އެރިޓްރިޔާ، ގައި 5 އަހަރުން ދަށުގެ ދެމިލިޔަނަށްވުރެ ގިނަ ކުޑަކުދިން ހައިހޫނުކަން ތަޙައްމަލްކުރަމުން ގެންދާ ކަމަށް ލަންޑަން ގައި ނުކުންނަ ދި އިންޑިިޕެންޑެންޓް ނޫސް ބުނެފިއެވެ.

އިންސާނީ އެހީ ދިނުމުގައި ޙަރަކާތްތެރިވާ ހުޅަނގުގެ ޖަމާޢަތްތަކާ ޙަވާލާދީ މިނޫސް ބުނިގޮތުގައި މީގެ ހައެއްކަ ހަފްތާކުރިން އެސަރަޙައްދުގެ ޤައުމުތަކުގައި ހައިހޫނުކަން ތަޙައްމަލްކުރާ މީހުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 9 މިލިޔަން މީހުންނެވެ. ނަމަވެސް މިހާރު މިޢަދަދުވަނީ 13 މިލިޔަނަށް އަރާފައެވެ.

ތަދުމަޑުކަމުގެ ޝިކާރައަކަށްވެ ހައިހޫނުކަން ތަޙައްމަލްކުރާ 13 މިލިޔަން މީހުންގެ ތެރޭގައި ފަސްއަހަރުން ދަށުގެ ދެ މިލިޔަން ކުޑަކުދިން ހިމެނޭ ކަމަށާ މީގެ ތެރެއިިން އެތަށް ކުދިންނެއްގެ ޙާލަތު ކޮންމެ ދުވަހަކު ދަށަށްދާ ކަމަށް ދި އިންޑިިޕެންޑެންޓް ނޫސް ބުނެ އެވެ.

އެފްރިކާގެ ދަޅުގެ ޤައުމުތަކުގައި ހައިހޫނުކަން ތަޙައްމަލްކުރާ ކުޑަކުދިންގެ ތެރެއިން 29 ހާސް ކުޑަކުދިން ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މިދުނިޔެ ދޫކޮށްފައިވާ ކަމަށް އިންސާނީ އެހީދޭ އެމެރިކާގެ ޖަމާއަތަކުން ބުނެފައިވެއެވެ. އަދި އެފްރިކާގެ ދަޅުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ތަދުމަޑުކަން ޙައްލުކުރެވޭވަރަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އެހީ ނުލިބޭ ކަމަށް އދ. ން ބުނެއެވެ. (އަލްޖަޒީރާ)