05 Dec 2017, 17:49
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ނައިޓް މިމަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ނައިޓްގައި މިފަހަރު ހޮވާ އެވޯޑްތަކުގެ ތެރޭގައި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ އުންމީދީ ކުޅުންތެރިޔާ އާއި ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާގެ މަގާމު ހިމެނެ އެވެ.
އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާގެ އެވޯޑު މިއަހަރުން ފެށިގެން ދޭގޮތަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ޤައުމީ ޓީމަށް އެންމެ ފުރަތަމަ ގޯލެއް ޖަހައިދިން ކުޅުންތެރިޔާ ޖޫލިއަޓް އަބުދުﷲ ރަޝީދުގެ ހަނދާނުގައި "ޖޫލޭ އެވޯޑް"ގެ ނަމުގަ އެވެ.
މިއަހަރު އަލަށް ހޮވާ މަގާމުތަކުގެ ތެރޭގައި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އާއި އަހަރުގެ އެންމެ މޮޅު ގޯލު ހިމެނެ އެވެ.
މިދިޔަ އަހަރު އެ ހަފުލާ ޝަރަފުވެރިކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވަޑް ޑުވައިޑް ޔޯކް އެވެ. އެފްއޭއެމުން އަންނަނީ މިއަހަރުގެ އެވޯޑް ނައިޓަށް ވެސް ހާއްސަ މެހުމާނެއްގެ ގޮތުގައި ކުރީގެ ކުޅުންތެރިއަކު ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއަހަރު އެ ހަފްލާގެ ޝަރަފުވެރި މެހެމާނަކީ ކާކުކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ހުސްވި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީސީގެ އަލީ ފާސިރު (ސެންޓޭ)އެވެ. މިދިޔަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓު ވެސް ހާސިލްކުރީ އޭނާ އެވެ. އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް(ނިޒާމްބެ) ހޮވިފައިވާ އިރު، އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ކްލަބު އީގަލްސްގެ އަހްމަދު ރިޒުވާން (ރިޒޭ) އެވެ.