05 Dec 2017, 16:20
ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއްކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ލަންކާގެ މީޑިއާތަކަށް މައުލޫމާތު ދިނުމަށް އިއްޔެ އެގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ ސްރީލަންކާގެ އިގްތިޞާދުގައި މުހިއްމު ރޯލެއް ރާއްޖެއިން އަދާކުރާ ކަމަށެވެ. އެގޮތުން އެގައުމުގެ "އެޑިއުލޭޝަނަލް ޓުއަރިޒަމް"ގެ ބޮޑު ހިއްސާ އަކީ ރާއްޖޭގެ ދަރިވަރުން ކަމަށް މުންދު ވިދާޅުވިއެވެ. އެގޮތުން ލަންކާގެ އިންޓަނޭޝަނަލް ސްކޫލުތަކާއި ކޮލެޖް ޔުނިވާސިޓީތަކުގައި ދިވެހި ދަރިވަރުން ނިސްބަތުން ގިނަކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ 12 ނޫނީ 14 ހާސް މީހުން ލަންކާގައި އެބަ ދިރިއުޅޭ. ސްރީލަންކާގެ އިގްތިޞާދުގައި ދިވެހިން އަދާކުރާ ދައުރު މިހާރު ވަރަށް ބޮޑު. ސްރީލަންކާއަށް ތިންވަނައަށް އެންމެ ގިނައިން ޓުއަރިސްޓުން ޒިޔާރަތް ކުރަނީ ރާއްޖެއިން. ލަންކާގެ މެޑިކަލް ޓުއަރިޒަމްގައިވެސް ދިވެހިން ބޮޑު އިންސައްތައެއް ހިއްސާ ކުރޭ،" މުންދު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ، އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ލަންކާގެ އިގްތިސާދުގައި ދިވެހިންގެ ހިއްސާ އެބައޮތް ކަމަށެވެ.
ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ގައުމުތަކުގެ ގިނަ ސަފީރުންނަކީ ލަންކާގައި ހުންނަ އެމްބަސީތަކުގައި ތިއްބަވާ ބޭފުޅުން ކަމަށާއި އެހެން ކަމަށްވުމާއެކު ދެ ގައުމުގެ ދެމެދުގައި ބައިލެޓްރަލް ގުޅުންވެސް ވަރަށް ބަދަހި ކަމަށް މުންދު ވިދާޅުވިއެވެ.
"މާލޭގައި މި ހުންނަނީ މަދު އެމްބަސީތަކެއް. ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުން ގިނައިން ތިއްބަވަނީ ލަންކާގެ އެމްބަސީތަކުގައި. އެ ސަފީރުންނަކީ ރާއްޖެއާ ލަންކާއަށް ކަނޑައަޅާފައި ތިއްބަވާ ބޭފުޅުން."
މުންދު ވިދާޅުވީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީން އެ ސަފީރުންނާއެކު ގާތުން މަސައްކަތް ކުރާ ކަމަށެވެ.
އެމަނިކުފާނު ސަފީރުކަމަށް އައްޔަނު ކުރެއްވުމަށްފަހު، ލަންކާގެ މީޑިއާ އާއެކު ގާތް ގުޅުމެއް ބޭއްވުމަށް ރައީސް ޔާމީން އެދިލެއްވި ކަމަށް ވެސް މުންދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ މަސްރަހާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން އެމްބަސީން ކުރިއަށް ގެންދާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.