05 Dec 2017, 15:59
ހުވަދު އަތޮޅަށް މިއަދު ހެނދުނު ކުރި ވިއްސާރާގައި ގދ. ފިޔޯރީގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތައް ލިބިއްޖެއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ، މިއަދު ހެނދުނު ވެހުނު ވާރޭގައި ރަށުގެ ދަނޑުތައް އެއްކޮށްހެން ހަލާކުވެފައިވާ ކަމަށެވެ.
"މި ރަށުގެ އަލަ އޮޅުތައް ހަމަ އެއްކޮށް ގޮސްފަ މިވަނީ. ވިއްސާރަ އާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދަނޑުތަކަށް،" ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހެނދުނު ގަދަ ވަޔާއެކު ވެހުނު ވާރޭގައި ރަށުގައި ތިނެއް ނޫނީ ހަތަރު ފޫޓަށް ފެން ބޮޑުވި ކަމަށެވެ. ފެން ހިންދުމަށް ދެ ޕަންޕު ބޭނުން ކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިކަމުގައި ރަށުގެ ޒުވާނުންނާ ރައްޔިތުންގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

މިއަދު ގދ. އަތޮޅަށް ކުރި ވިއްސާރައިގައި އެ އަތޮޅު ފިޔޯރީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި -- ފޭސްބުކް ފޮޓޯ: ފިޔޯރީ ޔޫތު އޮންލައިން
"އެންމެ ބޮޑު ދައްޗަކީ ވަސީލަތްތައް ނެތުން. ދެ ޕަމްޕް ބޭނުންކޮށްގެން އެންމެ އެދެވޭ ގޮތަށް މަސައްކަތެއް ކުރިއަކަށް ނުގެންދެވޭ. އެއް ތަންކޮޅެއްގައި ޖައްސާފަ އެއްކޮށް ނުނިމެނީސް މިޖެހެނީ އަނެއް ތަނަށް ގެންދަން،" ސައީދު ވިދާޅުވީ ފެން ބޮޑުވެ 10 ވަރަކަށް ގެއަށް ފެން ވަދެފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މުދަލަށް އޭގެ ސަބަބުން ގެއްލުން ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައިވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އަޅުގަނޑުމެން ރައްޔިތުންނަށްވެސް ދަންނަވާފަ ވާނީވެލި ބަސްތާ ޖަހާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން،" ސައީދު ވިދާޅުވިއެވެ.
މިއަދު ކުރި ވިއްސާރަ އާއި ގުޅިގެން ލިބުނު ގެއްލުންތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުވަދު އަތޮޅަށް ކުރި ވިއްސާރާގއި އެ އަތޮޅު ެ.