05 Dec 2017, 15:11
އެމްޓީސީސީން ހިންގަމުންދާ ދެ މަޝްރޫއަކަށް ބޮޑު ހިލަ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކުރަމުން އައި މަގުމަތީގައި ބަންޑުންޖަހާލައި އަޑިއަށްދިޔަ ބާޖުގައި ހުރި 3300 ޓަނުގެ ބޮޑު ހިލައިގެ ބަދަލުގައި އެހެން ޝިޕްމަންޓެއް ގެނައުމުގެ މަސަތްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން ރާއްޖެ ދަތުރުކުރި 'ކުރިމަގު 7' ނަމަކަށް ކިޔާ ބާޖު ބަންޑުން ޖަހާލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުއްޓާ 152 ނޯޓިކަލް މޭލް ދުރުންނެވެ. ބާޖު ބަންޑުން ޖަހާލީ މި ސަރަހައްދުގައި އުފެދުނު 'އޫޗީ' ތޫފާނުގައި ޖެހި ކަނޑުގަދަވުމުގެ ސަބަބުން ކަމަށްވެސް އެމްޓީސީސިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެ ބާޖު ބަންޑުން ޖަހާލިއިރު އޭގައި 11 ފަޅުވެރިން ތިބި ނަމަވެސް އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. އަދި އެމީހުން ޓަގް ބޯޓުގައި ދަތުރުކޮށް ވަނީ މިދިޔަ އާދިއްތަދުވަހު ކުޅުދުއްފުއްޓަށް އައިސްފައެވެ.
އެމްޓީސީސީން ބުނީ ބަންޑުންޖަހާލި ބާޖާއި ސަލާމަތްވި ޓަގު ބޯޓުވަނީ އިންޝުއަރެންސްކޮށްފައި ކަމަށާއި ގެއްލުނު 3300 ޓަނުގެ ހިލައިގެ ބަދަލުގައި އިތުރު ޝިޕްމަންޓެއް ރާއްޖެ ގެނައުމުގެ މަސަތްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެހެން ނަމަވެސް އާ ޝިޕްމަންޓް ރާއްޖެ ގެނެވޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.