ޓެލްއަވީވް (އޮގަސްޓް 7) : އިސްރާއީލުގައި ތަކެތީގެ އަގު ބޮޑުވެ އިންފްލޭޝަން މަތިވުމާއި އިޖްތިމާޢީ ހަމަހަމަކަން ގެއްލެމުންދާތީ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫގެ ސަރުކާރާ ދެކޮޅަށް އެތަށް ލައްކަ ބަޔަކު އަޑުއުފުލައި މުޒާހަރާކޮށްފިއެވެ.

އިސްރާއީލުގެ ބޮޑެތި ރައްތަކުގައި ކުރި މިމުޒާހަރާގެ ބައިވެރިންވަނީ ނަތިޔާހޫގެ ސަރުކާރު ފޭލްވެފައިވާ ކަމަށްބުނެ އޭނާގެ އިސްތިއުފާއަށް ގޮވާލާފައެވެ. ހިފާފައިވާ ޤުދްސުގައި މުޒާހަރާކުރި އެތަށް ހާސްބަޔަކުވަނީ އެރަށުގެ ހުޅަނގު ފަޅީގައި ހުންނަ ބޮޑުވަޒީރު ގެ އޮފީހާ ދިމާއަށްގޮސް އެއޮފީސް ކުރިމަތީގައި މުޒާހަރާކޮށް ނަތަނިޔާހޫގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.

އިސްރާއީލު ސަރުކާރުންބުނީ މުޒާހަރާކުރި މީހުންގެ ޢަދަދު ދެލައްކަ ފަންސާސް ހާހަށް އަރާކަމުގައެވެ. ނަމަވެސް މުޒާހަރާ އިންތިޒާމްކުރި އެކްޓިވިސްޓުންބުނީ މަދުވެގެން ތިން ލައްކަ މީހުން މުޒާހަރާކޮށް އިސްރާއީލުގައި އިޖްތިމާޢީ ޢަދާލަތު ޤާއިމް ކުރުމަށް ގޮވާލައި އަޑު އުފުލާފައިވާ ކަމުގައެވެ. މުޒާހަރާކުރި ބައެއް އެކްޓިވިސްޓުންވަނީ މިއީ އިސްރާއީލުގައި އިޖްތިމާޢީ ޢަދާލަތާއި ހަމަހަމަކަމާއި ނަސްލީ އިމްތިޔާޒާ ދެކޮޅަށް ގެންނަންޖެހިފައިވާ މަދަނީ އިންޤިލާބެއްގެ ފެށުންކަމަށް ސިފަކޮށްފައެވެ.

މިމުޒާހަރާތައް އެންމެ ބޮޑަށް ކުރިޔަށްދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ބައެއް ރައްރަށުގައި މިއަދުވެސް މަދުޢަދަދެއްގެ ބަޔަކ މުޒާހަރާ ކޮށްފައިވާ ކަމަށް އިސްރާއީލުގެ މީޑިޔާއާ ޙަވާލާދީ ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ ވަސީލަތްތައް ބުނެއެވެ. (އަލްޖަޒީރާ+ރޮއިޓާސް)