އިސްރާއިލުން ސީރިއާއަށް ދިން މިސައިލް ހަމަލާތައް އެގައުމުގެ މިސައިލް ޑިފެންސް ސިސްޓަމުން ހުއްޓުވައިފިއެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާ ސަނާއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެގައުމުގެ ވެރިރަށް ދިމިޝްގުގެ މީހުންދިރިއުޅޭ ސަރަހައްދަށް ދިން މިސައިލް ހަމަލާތަކުގެ ތެރެއިން ތިން ހަމަލާއެއް ނާކާމިޔާބު ކޮށްލައިފައިވާ ކަމަށެވެ.

މަންޒަރުދުށް މީހަކާ ހަވާލާދީ ރޮއިޓާސް އިން ބުނިގޮތުގައި ދިމިޝްގުގެ ހުޅަނގުން ޖަމާރިޔާ ކައިރިން ބާރުގަދަ ގޮވުމެއްގެ އަޑު އިވިފައިވެއެވެ.

ޖަމާރިޔާ ސަރަހައްދަކީ ސީރިއާގެ އަސްކަރިއްޔާގެ ރިސާޗްތައް ކުރާ މަރުކަޒެއް ހުންނަނެކެވެ. އެތަނަށް އިސްރާއިލުން 2013 ވަނަ އަހަރުވެސް ވައިގެ ހަމަލާތަކެއް ދީފައެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިސްރާއިލުން ވަނީ ސީރިއާއަށް ދޭތެރެ ދޭތެރެއިން ވައިގެ ހަމަލާތަކެއް ދީފައެވެ. ސީރިއާ ސަރުކާރުން ބުނާގޮތުގައި އިސްރާއިލުން ދަނީ އެގައުމުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކަށް އެހީވަމުންނެވެ. އަދި ބުނީ އިސްރާއިލުން ވައިގެ ހަމަލާތައް ދެނީ އާންމުކޮށް އެގައުމުގެ ސަރުކާރު ސިފައިންނާ ޓެރެރިސްޓް ގްރޫޕްތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންދާއިރުކަމަށެވެ.

ސީރިއާއިން ބުނީ އެގައުމުގައި ހަރަކާތްތެރިވާ ޓެރެރިސްޓް ހަނގުރާމަވެރިންގެ އަތުން އިސްރާއިލުގައި އުފައްދައިފައިވާ ހަތިޔާރުތައް ވެސް ފެނިފައިވާ ކަމަށެވެ. އިސްރާއިލުން ދަނީ ސީރިއާގައި ހަރަކާތްތެރިވާ ޓެރެރިސްޓް ޖަމާއަތްތަކުގެ ހަނގުރާމަވެރިންނަށް ސިއްހީ ފަރުވާވެސް ފޯރުކޮށްދެމުންނެވެ.