ދިވެހިރާއްޖެއާއެކު ވެވޭ ފްރީޓްރޭޑް އެގްރިމެންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިގްތިޞާދީ ގޮތުން އޭގެ މަންފާ ކުރާނެ އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުމަކީ ސިޔާސީ ކަމެއް ހިމެނޭ އެއްބަސްވުމެއް ނޫން ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ "ގްލޯބަލް ޓައިމްސް"ގައި ބުނެފައިވަނީ މި އެއްބަސްވުމަށް އިންޑިއާއިން ފާޑުކީ ނަމަވެސް މި އެއްބަސްވުން ނުހުއްޓުވޭނެ ކަމަށެވެ.

ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޗައިނާއާއެކު އިގްތިޞާދީ ގުޅުން ބަދަހި ކުރަނީ ހަމައެކަނި ރާއްޖެއިން ނޫން ކަމަށާއި ލަންކާ ފަދަ ގައުމުތަކުގެ އިގްތިސާދުގައިވެސް ޗައިނާގެ ރޯލު ބޮޑުކަމަށް އެ ނޫހުން ބުނެފައިވެއެވެ.

ގްލޯބަލް ޓައިމްސް އަކީ ޗައިނާގެ ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ސަރުކާރުގެ ނޫހެކެވެ.

ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅޭގޮތުން ގްލޯބަލް ޓައިމްސްގައި ބުނެފައިވަނީ ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް 12 ޕަސެންޓަށް އިތުރު ކުރި ފަހުން ރާއްޖެއަކީ "އަގުބޮޑު" މަންޒިލެއްގެ ގޮތުގައި ލޭބަލްވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރަނީ ޗައިނާއިން ކަން ފާހަގަކޮށް އެ ނޫހުގައި ބުނެފައިވަނީ ފްރީޓްރޭޑް އެގްރިމެންޓާއެކުު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ޗައިނާގެ އުފެއްދުންތައް ހެޔޮއަގުގައި ރާއްޖެއިން ލިބޭނެ ކަމަށެވެ.

"ފްރީ ޓްރޭޑް އެގްރިމެންޓާއެކު ރާއްޖޭގެ އިމްޕޯޓު އަދި އެކްސްޕޯޓު ވިޔަފާރިއަށްވެސް އެދެވޭ ކުރިއެރުން އަންނާނެ. މިއީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ އިގްތިޞާދީ ގުޅުން ވަރުގަދަ ކޮށްދޭނެ އެގްރިމެންޓެއް. އެއްވެސް ސިޔާސީ ކަމެއް މީގައި ނުހިމެނޭނެ،" ގްލޯބަލް ޓައިމްސްގައި ބުނެފައިވެއެވެ.

އިންޑިއާގެ މީޑިއާއިން މި އެގްރިމެންޓްގެ ވާހަކަ ދައްކަނީ އެގައުމުން އެކަމާމެދު ކަންބޮޑުވާކަން ފާޅުވާ ގޮތަށް ކަމަށާއި ނަމަވެސް ތިންވަނަ ގައުމަކަށް އެގްރިމެންޓްގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށް ޗައިނާ ސަރުކާރުގެ ނޫހުގައި ވެއެވެ.

"ރާއްޖެއަށް އެންމެ ގިނަ ޓޫރިސްތުން ޒިޔާރަތް ކުރާ ގައުމާއެކު ސޮއިކުރަން އުޅޭ އެއްބަސްވުން އިންޑިއާއަކަށް ނުހުއްޓުވޭނެ. އެގައުމަށް ކުރެވޭނެ ކަމަކީ އެ އެގްރިމެންޓާމެދު ކަންބޮޑުވުން ފާޅުކުރުން،" ޗައިނާގެ ގްލޯބަލް ޓައިމްސް އިން ބުނެފައިވެއެވެ.