05 Dec 2017, 13:14
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ، އަރަބި ކަނޑުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފް އާ އެއްވެސް ގުޅުމެއް ނެތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ސަން އަށް މައުލޫމާތު ދެމުން މެޓުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން ދަނީ މޫސުމީ ވިއްސާރައެއް ކަމަށެވެ. އަދި އިރު ދެކުނު އަރަބި ކަނޑުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފާއި މި ވިއްސާރައާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މި ލޯ ޕްރެޝާ ތޫފާނަކަށް ބަދަލުވި ނަމަވެސް ރާއްޖެއަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ.
ރާއްޖެއަށް ކުރާ ވިއްސާރައާ ގުޅިގެން ހުވަދު އަތޮޅަށް ޔެލޯ އެލާޓް ނެރުނު ނަމަވެސް އެ ސަރަހައްދުގެ މޫސުން ރަނގަޅު ވާނެ ކަމަށް ލަފާ ކުރެވޭތީ އެލާޓްގެ މުއްދަތު އިތުރު ނުކުރާ ކަމަށް މެޓުން ބުންޏެވެ.
"ރާއްޖޭގެ މޫސުން ރަނގަޅު. ދެކުނުން ހުވަދު އަތޮޅަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ނެރުނު ޔެލޯ އެލާޓުގެ މުއްދަތު ހަމަވިއިރު މޫސުން ރަނގަޅު ކަމަށް ލަފާކުރެވޭތީ އެލާޓްގެ މުއްދަތު އިތުރު ނުކުރަން ވަނީ ނިންމާފަ. މ. އަތޮޅުން އައްޑުއާއި ހަމައަށް ނެރުނު އެލާޓްގެ ވަގުތު ހަމަވާއިރު މޫސުން ރަނގަޅު ނަމަ މުއްދަތު އިތުރެއް ނުކުރާނެ،" މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.