ހުވަދު އަތޮޅަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެ އަތޮޅުގެ ދެ ރަށެއްގައި ފެން ބޮޑުވެއްޖެއެވެ.

މި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވަނީ ގދ. ފިޔޯރީ އަދި ރަތަފަންދޫގައެވެ. ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފު އަސްލަމް ސަން އަށް ވިދާޅުވީ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ އެއް ގެއަށް ފެން ވަދެފައިވާ ކަމަށެވެ. އަދި ފެން ހިންދުމަށް ކޯރު ކޮނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މަސައްކަތުގައި ޒުވާނުންނާއި ކައުންސިލް އަދި ފުލުހުން ހަރަކާތްތެރިވާ ކަމަށްވެސް ހުނައިފު ވިދާޅުވިއެވެ.

ގދ. ފިޔޯރީގައިވެސް ފެން ބޮޑުވެ ފުލުހުން ގެންދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ހުވަދު އަތޮޅަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ އެ އަތޮޅު އުތުރު ބުރި އަށާއި ދެކުނު ބުރިއަށް ޔެލޯ އެލާޓް ނެރެފައެވެ. އެލާޓްގެ މުއްދަތު މެންދުރު 12 އަށް ހަމަވެފައިވާއިރު މޫސުން ރަނގަޅު ކަމަށް ލަފާކުރެވޭތީ އެލާޓް ލިފްޓްކޮށްފައިވާ ކަމަށް މެޓުން ބުނެއެވެ. މީގެ އިތުރުން މުލަކު އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށް ނެރެފައިވާ ވައިޓް އެލާޓްވެސް މެންދުރު 14:00 އަށް މުއްދަތު ހަމަވާއިރު މޫސުން ރަނގަޅު ނަމަ އެލާޓްގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް މެޓުން ބުނެއެވެ.