އާޖެންޓީނާ އަދި ބާސެލޯނާގެ ފުޓްބޯޅަ ތަރި، ލިއޮޮނަލް މެސީ ރަމްޒުކޮށްދޭ ގޮތަށް އޭނާގެ ގައުމުގައި ބަހައްޓާފައި ހުންނަ ސްޓެޗޫއަށް ގެއްލުން ދީ ހަލާކު ކޮށްލައިފިއެވެ.

އާޖެންޓީނާގެ ވެރިރަށް ބުއެނޮސް އައިރެސްގައި ހުންނަ މި ސްޓެޗޫ އަށް މި އަހަރުގެ ޖެނުއަރީ މަހު ވެސް ވަނީ ގެއްލުންދީފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ސްޓެޗޫގެ ފައި ވަނީ ބުރި ކޮށްލައި މުޅި ސްޓެޗޫ ބިންމައްޗަށް ވައްޓާލާފައެވެ. ނަމަވެސް މި މައްސަލާގައި ޒިންމާވާ ފަރާތްތައް އަދި ހޯދިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ދިން ހަމަލާގައި ސްޓެޗޫގެ ފަޔާއި ބޯ ވަނީ ބުރި ކޮށްލާފައެވެ. އެފަހަރު ގެއްލުން ދީފައިވަނީ ސްޓެޗޫ އެ ސަރަހައްދުގައި ބެހެއްޓިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

މެސީގެ މި ސްޓެޗޫ އަކީ އެގައުމުގެެ މަޝްހޫރު ކުޅިވަރު ޝަހްސިއްޔަތުން ހިމެނޭ ގޮތަށް ގައުމުގެ ސެކި ހިސާބުތަކުގައި ބެހެއްޓި ސްޓެޗޫތަކުގެ ތެރޭ ހިމެނޭ ސްޓެޗޫއެކެވެ. އެގޮތުން އެގައުމުގެ ޓެނިސް ލެޖެންޑް ގެބްރިއެލާ ސަބަޓީނީ އާއި ގުއިލެރްމޯ ވިލާސް އަދި ބާސްކެޓް ކުޅުންތެރިޔާ މަނޫ ގިނޮބިލީގެ މޮޓޯ ސްޕޯޓްސްގެ ތަރި ހުއާން މެނުއަލް ފެންގިއޯގެ ސްޓެޗޫތައް ހިމެނެއެވެ.

މެސީ ވަނީ އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައި ކޮށްދިނުމުގައި ބޮޑު ދައުރެއް ކުޅެފައެވެ. އެގޮތުން ކޮލައިފައިންގެ ފަހު މެޗުގައި އިކުއަޑޯ ކޮޅަށް ހެޓްރިކް ހަދައި މެސީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.