އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ވޮލީބޯޅަ އިވެންޓްގައި އިއްޔެ ސީޝެލްސްއާއި ދެކޮޅަށް ކުޅުނު މެޗުން ދިވެހިރާއްޖެ ބަލިވެއްޖެ އެވެ.

މާހޭގެ ޕެލެއިސް ޑި ސްޕޯޓްސް ކޯޓްގައި ކުޅުނު މިމެޗް ސީދާ ތިން ސެޓުން ސީޝެލްސްއިން ކާމިޔާބުކުރި ނަމަވެސް މިމެޗްގައި ދިވެހި ޓީމުން ވަނީ ވަރަށް ވާދަވެރި ކުޅުމެއް ދައްކާފަ އެވެ. އެގޮތުން މެޗްގެ ފުރަތަމަ ސެޓްގައި ރާއްޖެއިން ލީޑު ހޯދާފައިވަނިކޮށް ސީޝެލްސްއިން ފަހަތުން އަރާ ސްޓް ގެންގޮސްފައިވަނީ 25-21 ޕޮއިންޓުންނެވެ.

ގިނަ ޢަދަދެއްގެ ސަޕޯޓަރުން ވަދެތިބި މިމެޗްގެ ދެވަނަ ސެޓްގައި ދިވެހި ކުޅުންތެރިންނަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. މިސެޓް ސީޝެލްސްއިން ގެންދިޔައިރު ރާއްޖެއަށް ލިބިފައި ވަނީ 15 ޕޮއިންޓެވެ. ނަމަވެސް ތިން ވަނަ ސެޓްގައި އަނެއްކާވެސް ދިވެހި ކުޅުންތެރިންވަނި ހިތްވަރުކޮށް 20 ޕޮއިންޓް ހޯދާފަ އެވެ.

މިމެޗަށް ފަހު ރާއްޖޭގެ ޓީމުގެ ކޯޗް ޝަރަފު ބުނެފައި ވަނީ މިމެޗްގެ ފުރަތަމަ ސެޓްގައި ދިވެހި ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި ނަމަވެސް ވުވުޒެލާގެ އަޑު ގަދަކަމުން އެކަމުގެ އަސަރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

"މެޗް ފެށުނީއްސުރެ ވުވުޒެލާގެ އަޑު ކެނޑިގެނެއް ނުދޭ. މިއީ ދިވެހި ކުޅުންތެރިންނަށް ވަރަށް އާ ކަމެއް. ކުޅުންތެރިން ބުނި އެކަމުގެ ސަބަބުން ބޮލުގައި ވެސް ރިއްސިކަމަށް. ވަރަށް އެހެންކަހަލަ ތަޖުރިބާއެއް. ސަޕޯޓަރުންގެ ފަރާތުން އެކަންތައް އެހެން ނުވިނަމަ މިއަށް ވުރެ ރަނގަޅުވީސް." ޝަރަފު ބުންޏެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ މިގްރޫޕްގައި އެންމެ އުނދަގޫވާނީ ސީޝެލްސްކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި އެހެންކަމުން ކުރިއަށް ހުރި މެޗްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމަށް އުންމީދުކުރާކަމަށެވެ.

"ސީޝެލްސް މިގްރޫޕުން އެންމެ އުނދަގޫވާނީ. އެހެންވީމަ އުންމީދު ކުރަން އަދިވެސް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް. ދެން ހުރި މެޗްތަކުގައި ކްރައުޑްގެ މާބޮޑު އުނދަގޫތަކެއް ކުރިމަތިވާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. އެހެންވީމަ އެއީވެސް ލިބޭނެ އެޑްވާންޓޭޖެއް."

މިމުބާރާތުގައި ރާއްޖެ ދެން ކުޅޭނީ މޮރިޝަސްއާއި މަޔޯޓޭއާއި ދެކޮޅަށެވެ.