05 Dec 2017, 13:11
ދިވެހީން ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދަތުރުކޮށް، ކުރާ ހޭދައާއި ގުޅޭ ސާވޭ މިމަހުގެ 22 އިން 28 އަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހީންނާއި ބޭރުގެ ފަރާތްތަކާ ދެމެދު ކުރެވޭ އިޤްތިޞާދީ މުޢާމަލާތްތަކާ ގުޅޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް، ރާއްޖެއިން ބޭރުން އެނބުރި އަންނަ ދިވެހީންނަށް އަމާޒުކޮށްގެން "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" މި އަހަރުވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ސާވޭ ކުރިއަށް ގެންދާނީ ވީއައިއޭގެ އެރައިވަލް ހޯލުގައެވެ.
ސާވޭގައި އެއްކުރާނީ ރާއްޖެއިން ބޭރުގައި ދިވެހީން އެކިއެކި ކަންކަމަށް ފައިސާ ޚަރަދުކުރާ ގޮތުގެ މަޢުލޫމާތު ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
އެގޮތުން ދަތުރުގެ މައިގަނޑު މަޤްޞަދާއި ދަތުރު ކުރި ޤައުމު، ޓިކެޓުގެ ޚަރަދު، ކެއުމާއި ހުރުމުގެ ޚަރަދު، ބޭސް ފަރުވާއަށް ކުރެވުނު ޚަރަދު އަދި ދަތުރުފަތުރަށް ހޭދަވި ޚަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މަޢުލޫމާތު އެއް ކުރެވޭނެއެވެ.
ވަކިވަކި ފަރުދުންނާ ގުޅޭ ގޮތުން އެއްކުރެވޭ މަޢުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަން އެމްއެމްއޭ އިން ރައްޔިތުންނަށް އަރުވައެވެ.
މި މުއްދަތުގައި ރާއްޖެއަށް އެނބުރި އަންނަ އެންމެހާ ދިވެހީން، މި ސާވޭއަށް ފުރިހަމަ އެއްބާރުލުންދިނުމަށް އެމްއެމްއޭ އިން އެދެއެވެ.
މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މި ސާވޭގެ ނަތީޖާ ދައްކާގޮތުން ދިވެހިން އެންމެ ގިނައިން ބޭރަށް ދަތުރުކޮށްފައިވަނީ ބޭސް ފަރުވާއަށެވެ. އެ ސާވޭ އިން ދައްކާގޮތުން ދިވެހިން އެންމެ ގިނައިން ދަތުރު ކޮށްފައިވަނީ ސްރީ ލަންކާ އަށާއި އިންޑިއާއަށެވެ. މިދިޔަ އަހަރުގެ ސާވޭގައި 4488 ފަސެންޖަރުން މި ދިރާސާގައި ބައިވެރިވެފައިވެއެވެ.