05 Dec 2017, 10:58
މުމްބާއީ(05 ޑިސެމްބަރު): އިންޑިއާ ކަނޑަށް މިހާރު އަރައިގެންއުޅޭ އޯޗީ ތޫފާނާއެކު މުމްބާއީއަށް ބޯކޮށް ވިއްސާރަވުމުގެ ސަބަބުން އެސަރަހައްދުގެ ސްކޫލްތައް ބަންދުކޮށްފިއެވެ.
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިއްޔެ ކުރި ޓުވީޓެއްގައި ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން މުމްބާއީގެ މުހިންމު ސަރަހައްދުތައް ކަމަށްވާ ސިންދުދުރުގާ، ތޭނޭގެ އިތުރުން ރައިގާދް އަދި ޕަލްގާރުގެ ސްކޫލްތައް ބަންދުކުރަން ނިންމައިފައިވާ ކަމަށެވެ.
ސްކޫލްތައް ބަންދު ކުރިކަމުގައި ވިޔަސް ކޮލެޖުތަކާއި އަދި ޔުނިވާސިޓީތައް ބަންދުކޮށްފައެއް ނުވެއެވެ. އަދި އެ ތަންތަނުގައި ހިނގަމުންދާ ޓެެސްޓްތައް ވެސް ދަނީ ކުރިން ތާވަލްކޮށްފައިވާ ގޮތަށް ކުރިއަށް ގެންދަމުންނެވެ.
ތޫފާނުގެ ސަބަބުން ވަރަށް ބޯކޮށް ވާރޭވެހި މުމްބާއީގެ މީހުންއުޅޭ ސަރަހައްދުތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމުގެ އެލާޓް އިއްޔެ ވަނީ ނެެރެފައެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކުރިގޮތުގައި ތޫފާން އޯޗީ މިހާރު ހުރީ މުމްބާއީގެ ހުޅަނގު އުތުރުން 670 ކިލޯމީޓަރު ދުރުގައެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓު (އައިއެމްޑީ) އިން ހާމަކުރިގޮތުގައި ތޫފާނުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ބޯކޮށް ވާރޭ ވެހި ގުގުރުމުގެ އިތުރުން ގަޑިއިރު 50-60 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި އައްސޭރިފަށުގެ ސަރަހައްދުތަކުގައި ގަޑިއަކު 70 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށެވެ.
ތޫފާނުގެ ސަބަބުން މުމްބާއީގެ އައްސޭރިފަށުގެ ކަނޑު ވަރަށް ގަދަވާނެކަމަށް ބެލެވޭތީވެ ދެ ދުވަސް ވަންދެން މަސްވެރިން ކަނޑަށް ނުނިކުތުމަށް ވެސް ވަނީ އަންގައިފައެވެ.
އޯޗީގެ ތޫފާން އިންޑިއާގެ ކެރެލާއަށް އެރުމުގެ ސަބަބުން 19 މީހުން މަރުވެފައިވާއިރު 600 މަސްވެރިން މިހާތަނަށް ވަނީ ސަލާމަތްކޮށްފައެވެ.
(ޓައިމްސްނައުނިއުސް)