އިނގިރޭސި އެފްއޭކަޕްގެ ތިންވަނަ ބުރުގައި، ލިވަޕޫލާއި އެވަޓަން ބައްދަލުކުރަން ޖެހިއްޖެއެވެ.

މިއީ ލިވަޕޫލާއި އެވަޓަން އެފްއޭ ކަޕްގައި ބައްދަލުކުރާ 18 ވަނަ ފަހަރެވެ. އެގޮތުން މި ދެ ޓީމު އެފްއޭ ކަޕްގައި އެންމެ ފުރަތަމަ ބައްދަލު ކޮށްފައި ވަނީ 1932 ވަނަ އަހަރުއެވެ. އަދި އެންމެ ފަހުން މި ދެ ޓީމު މުބާރާތުގައި ބައްދަލުކޮށްފައި ވަނީ 2012 ވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލުގައެވެ. އެފަހަރު 1-2 އިން އެވަޓަން ބަލިކޮށް ލިވަޕޫލް ވަނީ ފައިނަލަށް ދަތުރު ކޮށްފައެވެ.

އެފްއޭ ކަޕް ތިންވަނަ ބުރުގެ ގުރުއަތުލުން އިއްޔެ ވަނީ ބާއްވާފައެވެ. އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ނިސްބަތްވާ މި ދެ ޓީމު އަންނަ ހަފްތާގައި ޕްރިމިއަ ލީގުގައި ވެސް ބައްދަލުކުރާނެއެވެ.

ތިންވަނަ ބުރުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ، އަންނަ ޖެނުއަރީ މަހުގެ ކުރީ ކޮޅު ލިވަޕޫލްގެ ދަނޑުގައެވެ. އެ ދަނޑުގައި ކުޅެ އެފްއޭކަޕްގެ މެޗެއްގައި ލިވަޕޫލަށް މިހާތަނަށް އެވަޓަން ބަލިކުރެވިފައެއް ނުވެއެވެ.

މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ އާސެނަލް މުބާރާތުގެ ތިންވަނަ ބުރުގައި ބައްދަލުކުރާނީ ނޮޓިންގްހަމް ފޮރެސްޓާއެވެ. ޕްރިމިއަ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ ބާންލީއާއެވެ.

ލީގުގެ ދެވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް ޑާބީ ކައުންޓީއާ ބައްދަލުކުރަން ޖެނުނުއިރު ލީގުގެ ތިންވަނައިގައި އޮތް ޗެލްސީ ބައްދަލުކުރާނީ ނޯވިޗް ސިޓީއާއެވެ. މީގެއިތުރުން ޓޮޓެންހަމް ބައްދަލުކުރާނީ އޭއެފްސީ ވިމްބަލްޑަންއާއެވެ.