ސީޝެލްސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބާސްކެޓް ބޯޅަ އިވެންޓްގައި އިއްޔެ މަޑަގަސްކަރައާ ދެކޮޅަށް ރާއްޖޭގެ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށް ރާއްޖޭގެ ޓީމުގެ އެސިސްޓެންޓް ކޯޗް ނާހިދު ބުނެފި އެވެ.

މާހޭގެ ވިކްޓޯރިއާ ޖިމްނޭޒިއަމްގައި މަޑަގަސްކަރައާ ދެކޮޅަށް ދިވެހިރާއްޖެ ކުޅުނު މެޗުން ދިވެހިރާއްޖެ ބަލިވެފައި ވަނީ 117 ޕޮއިންޓް 59 ޕޮއިންޓުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ޓީމުގެ އެސިސްޓެންޓް ކޯޗް ނާހިދު ބުނެފައި ވަނީ މެޗަށް އެރިއިރު ކުޅުންތެރިންތިބީ ފިނިވެފައި ކަމަށާއި އެއްވެސް ވަރަކަށް ކޮންފިޑެންސް ނެތްކަމަށެވެ.

"މެޗަށް އެރިއިރު ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ފިނިވެފައި. ވެދާނެ އާ ތަނެއްގަ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅެން ޖެހުނީމަކަމަށް ވެސް. އެކަމަކު ފަހުން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅުވިތަން ފެނިގެންދިޔަ." ނާހިދު ބުންޏެވެ.

މަޑަގަސްކަރައިގައި ހިމެނޭ ސްޕޭން ކުޅުންތެރިޔާއަށް ނުކުޅެވުނު ނަމަވެސް އެޓީމުގައި ހިމެނޭ އިތުރު ބިދޭސީ ލީގެއްގައި ކުޅޭ ކުޅުންތެރިއަކުވަނީ މިމެޗްގައި ކުޅެފަ އެވެ.

ނާހިދު އިތުރަށް ބުނެފައި ވަނީ މިމެޗްގައި ބެލީ އިދިކޮޅު ޓީމުން ކިތަންމެ ގިނައިން ސްކޯ ކުރި ނަމަވެސް އެކަމަށް ނުބަލާ ދިވެހި ޓީމުގެ ކުޅުން ކުޅެ ސްކޯ ކުރެވޭތޯކަމަށެވެ.

"އަޅުގަނޑުމެން ބެލީ އެމީހުން ކިތަންމެ ގިނައިން ސްކޯ ކުރި ނަމަވެސް އަޅުގަނޑުމެންގެ ގޭމް ކުޅޭ ސްކޯ ކުރެވޭތޯ. އިރާދަކުރެއްވިއްޔާ ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗް ރަނގަޅުވާނެ. އެކަމަކު ހަނދާން ކުރަން ޖެހޭނެ އެމީހުންގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އުނދަގޫތަކެއް ހުންނާނެކަން."

ސީޝެލްސްއާއި ދެކޮޅަށް ދިވެހިރާއްޖެ މިއަދު ނިކުންނާނީ ރާއްޖެ ގަޑިން 1830 ގަ އެވެ.