05 Dec 2017, 09:21
ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ޞާލިހު އަވަހާރަކޮށްލުމާއެކު އެގައުމުގައި މިހާރު ކުރިއަށްދާ ހަނގުރާމައަށް ވާނީ ކިހިނެއްތޯ މިއީ މިހާރު އުފެދޭ ސުވާލެކެވެ. ބޭރުގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ޞާލިހު އަވަހާރަވުމަށްފަހު ހޫޘީންނާއި ސައުދީގެ ހަނގުރާމަވެރި ކޯލިޝަނާ ދެމެދު ބަދަލުކުރާ ހަމަލާތައް އިތުރަށް ވަރުގަދަވާނެއެވެ.
ހޫޘީން ދިން ހަމަލާތަކެއްގައި ޞާލިހު އަވަހާރަވެފައި ވަނީ އިއްޔެއެވެ. ޞާލިހު އަވަހާރަވެފައިވަނީ ހޫޘީން އެމަނިކުފަނުގެ ގެއަށް ދިން ހަމަލާތަކެއްގައި ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެއެވެ.
"ދެ ދުވަސް ވަރު ވަންދެން ފާރަލުމަށްފަހު މިއަދު އެގެއަށް ހަމަލާތައް ދިނީ. އެ ހަމަލާތަކުން ސަލާމަތްވި. އެކަމަކު ހޫޘީންގެ ޗެކްޕޮއިންޓެއްގެ ކައިރިން ވެހިކަލްއެއްގެ ތެރޭ ޞާލިހް އަވަހާރަވީ. ޞާލިހު އަވަހާރަވިއިރު އެމަނިކުފާނަށް ވާގިދޭ، އެމަނިކުފާނުގެ ގާތް ގިނަ ބަޔަކުވެސް މި ހަމަލާތަކުގައި ވަނީ އަވަހާރަވެފައި،" ޔަމަން ޕޯސްޓުން ބުނެފައިވެ އެވެ.
ޞާލިހު ވަނީ 30 އަހަރަށް ވުރެ ގިނަ ދުވަހު އެގައުމުގައި ވެރިކަން ކުރައްވައިފައެވެ. މިހާރު ޔަމަންގައި ކުރިއަށްދާ ދާޚިލީ ހަނގުރާމަވެސް ފެށިފައިވަނީ ޞާލިހު އިސްކޮށް ހުންނަވައިގެން އަމަލުތައް ބެހެއްޓެވި ގޮތުންނެވެ. ސައުދީ އާއެކު އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ހިސާބުން ހޫޘީން ވަނީ ޞާލިހު އާ ދެކޮޅަށް ތެދުވެފައެވެ. ޞާލިހުގެ އެ އަމަލުފުޅަކީ ބަޣާވާތެއް ކަމަށް ހޫޘީން ސިފަކުރިއެވެ.
ސައުދީ އާއި ސައުދީގެ ކޯލިޝަނުން 2015 ވަނަ އަހަރު ޔަމަނަށް ހަމަލާ ދޭން ފަށާފައިވަނީ އެގައުމުގެ ރައީސް އަބްދުލް ރައްބު މަންސޫރު ހާދީގެ ވެރިކަން ހޫޘީން ވައްޓާލުމާ ގުޅިގެން އެމަނިކުފާނަށް އަލުން ވެރިކަން ހޯދައި ދިނުމަށެވެ.
ސައުދީ އާ ދެކޮޅަށް ހޫޘީންނާ ގުޅިގެން ޞާލިހަށް ވާގިދޭ ފަރާތްތަކުން މަސައްކަތް ކުރިއެވެ. ޞާލިހު އަވަހާރަވުމާ ގުޅިގެން ސައުދީން ދޭ ހަމަލާތައް އިތުރަށް ވަރުގަދަވާނެ ކަމަށް ލަފާކުރެވިފައިވާއިރު، މިހާރުވެސް ސައުދީ ކޯލިޝަނުން ވަނީ ޔަމަންގެ ވެރިރަށް ސަންއާގައި ހޫޘީންގެ ބާރުގެ ދަށުގައި ހުންނަ އިންޓީރިއާ މިނިސްޓްރީ އަށާއި އެއާޕޯޓަށް ވައިގެ ހަމަލާތަކެއް ދީފައެވެ.
(އަލްޖަޒީރާ)