04 Dec 2017, 23:44
މެންޗެސްޓާ ޑާބީ މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ އެގާރަ އިން އެ ޓީމުގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ފެނިދާނެ ކަމުގެ އިޝާރާތެއް ކޯޗު ހޯސޭ މޮރީނިއޯ ދީފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަންނަ އާދީއްތަ ދުވަހު ޔުނައިޓެޑް ނުކުންނާނެ އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑާއި ސިޓީއާ ދެމެދު އޮތީ އަށް ޕޮއިންޓްގެ ފަރަގެކެވެ.
އެންމެ ފަހުން ލީގުގައި ޔުނައިޓެޑް ކުޅުނު މެޗުގައި އާސެނަލް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައިވާ އިރު، ޔުނައިޓެޑްގެ ފޯވަޑް އިބްރަހިމޮވިޗްގެ ކަކުލުގެ އަނިޔާ މުޅިން ރަނގަޅު ވެފައި ނުވާތީ އޭނާ ފެނިފައެއް ނުވެ އެވެ.
ޗެމްޕިއަންސް ލީގުގައި މާދަމާ ސީއެސްކޭއޭ މޮސްކޯއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗު އިބްރަހިމޮވިޗް އަށް ގެއްލުނު ނަމަވެސް، ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން އިބްރަހިމޮވިޗް ފެނިދާނެ ކަމަށް މޮރީނިއޯ ބުނެ އެވެ.
"އިބްރަހިމޮވިޗް ހުރީ އަނިޔާގައެއް ނޫން. ބައެއް ފަހަރު އޭނާގެ ފައިގެ ކުކުލާ ގުޅިފައިވާ މަސްތަކަށް ގިނަ ކަސްރަތުތަކެއް ބޭނުންވޭ. މި ދުވަސްކޮޅު އޭނާ ނުފެންނަނީ އެ މަސައްކަތްތަކެއް ކުރަން ޖެހިފައިވުމުން. މާދަމާ ވެސް އޭނާއެއް ނުފެންނާނެ. އެ މެޗަށް ފަހު، ފަހަރެއްގައި ހައިރާންކުރަނިވި ކަމެއް ފެނިދާނެ،" ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުންޏެވެ.
މިދިޔަ ސީޒަނުގައި ކަކުލަށް ލިބުނު އަނިޔާއަކަށް ފަހު، މިސީޒަނުގައި ފުރަތަމަ ފަހަރަށް އިބްރަހިމޮވިޗް ފެނިގެންދިޔައީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗަށް ފަހު ބާސެލް އާއި، ބްރައިޓަން އަދި ވެޓްފަޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އިބްރަހިމޮވިޗް ފެނިގެންދިޔަ ނަމަވެސް، އެއްވެސް މެޗެއްގައި އޭނާ 90 މިނެޓް ފުރިހަމަ ކޮށްފައެއް ނުވެ އެވެ.