05 Dec 2017, 09:14
ޗައިނާ އާ އެކު ވެވޭ ފްރީ ޓްރޭޑް އެގްރިމެންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ރާއްޖޭގެ އިގްތިސާދު ހަރުދަނާވެ ތަކެތީގެ އަގު ހެޔޮވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "އުއްމީދާއި ކުރިއެރުން" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަރަބި ޓުއަރިޒަމަކީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ މާކެޓެއް ކަމަށާއި އަރަބި ބޮޑެތި އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ކުރަމުން އަންނަ ކަމަށެވެ.
"އަރަބި ޓުއަރިސްޓުންގެ އެންމެ ބޮޑު ޝަކުވާ އަކީ ވިޔަފާރި ކޮށްލާނެ ރަނގަޅު ޝޮޕިން މޯލެއް ނެތުން. ރަނގަޅު ބާޒާރެއް ނެތުން. ފްރީ ޓްރޭޑް އެގްރިމެންޓާއެކު ރާއްޖެ ހުޅުވިގެންދާނެ. ވިޔަފާރީގެ ބާޒާރު ތަނަވަސްވެގެންދާނެ. އިގްތިސާދު ހަރުދަނާ ވެގެންދާނެ. ތަކެތީގެ އަގު ހެޔޮވެގެންދާނެ،" ޑރ. ޒިޔާދު ވިދާޅުވި އެވެ.
ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރު ޒިޔާދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ބޭރުގެ ބަޔަކަށް ދިނުމަށް އެކުލަވާލި އެގްރިމެންޓު ފެނުނު ބަޔަކު ރައްޔިތުންގެ މަޖިލީހުގައިވެސް ނެތް ކަމަށެވެ. އެ އެގްރިމެންޓުގައި އޮތް އެއްޗެއް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮބައިތޯ އެ އެގްރިމެންޓް. މިހާރުގެ ސަރުކާރުން އޭރު ތިބީ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި. އެ އެގްރިމެންޓު ފެނުނު ބަޔަކުވެސް ޕާލިމެންޓުގަ ނެތް. އެއަށް ވީގޮތްވެސް އެބަޖެހޭ ދިވެހި ރައްޔިތުންނަށް އެނގެން. އޭގައި އޮތީ ކީކޭ ކަންވެސް މިއަދު އެބަޖެހޭ ދިވެހި ރައްޔިތުންނަށް އެނގެން،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ޒިޔާދު ވިދާޅުވީ މިސަރުކާރުން ތަރައްގީ މާނަކުރަނީ ހަމައެކަނި ކޮންކްރީޓްގެ ގޮތުގައި ނޫން ކަމަށާއި ފިކުރީ ތަރައްގީ އަކީވެސް މި ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން "ތަރިކަ" މަޝްރޫއުގެ ދަށުން އިސްލާމީ އުސޫލުތަކާއި ދިވެހިންގެ އުސޫލުތައް މުޖްތަމައުގައި އަށަގެންނެވުމަށް ކާމިޔާބު މަސައްކަތްތަކެއް މިސަރުކާރުން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.