ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމްވެފައިވާ ގުޅުމަށް ހުރަސް އެޅުމަށް ކެނޑިނޭޅި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ހުޅުމާލެއާއި ރާއްޖޭގެ ހަތް ރަށެއްގައި އެޅި 1500 ފްލެޓް ދިވެހި ސަރުކާރާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ރާއްޖެއާ އަވަށްޓެރި ގައުމުތަކާ ޖެއްސުމަށް ވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނިހާން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ދަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ކަމަށާއި އެކަމަކީ އިދިކޮޅު ފަރާތްތަކަށް ބަލަން އެހާ ފަސޭހަ މަންޒަރެއް ނޫން ކަން އެ މީހުންގެ އަމަލުން ފެންނަ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި އިތުރު ހަތް ރަށެއްގައި ޗައިނާގެ ސީއެމްއީސީ އިން އެޅި 1500 ފްލެޓް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

"މިހާރުވެސް ހަމަ އެކިކަހަލަ ބެރުޖައްސަވާ. އެކި ކަހަލަ އުނދަގޫކޮށް، އެކިކަހަލަ ގޮތް ގޮތުން ރާއްޖެއާ ރާއްޖޭގެ އަވައްޓެރިގައުމުތަކާ ޚާއްސަކޮށް ސީނުކަރަ (ޗައިނާ) އާ ރާއްޖެއާ ދޭތެރޭ އޮތް ގުޅުމަށް ހުރަސް އެޅޭތޯ އިދިކޮޅު ފަރާތްތަކުން މިދަނީ މަސަތްކަތް ކުރަމުން،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އެ މަސައްކަތުގެ ސަބަބުން ދިވެހި ރައްޔިތުން އެކަތިގަޑަކަށްވެ ރައީސް އަބްދުﷲ ޔާމީނާއެކު ކުރިއަށް ދިއުމަށް ކަމަރު ނުބަންނަންވީ ސަބަބެއް ނެތް ކަމަށެވެ.

ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ހުރަސް އެޅުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ނިހާން ވިދާޅުވެފައި މިވަނީ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސަރުކާރުން ނިންމި ނިންމުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ.