08 Aug 2011, 10:27
ސީޝެލްސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމު އިވެންޓުން ރާއްޖެ ބްރޯންޒް މެޑަލް ހޯދައިފި އެވެ.
ރާއްޖެ އަށް މިމުބާރާތުން ބްރޯންޒް މެޑަލް ލިބިފައި ވަނީ ސެމީ ފައިނަލުގައި އިއްޔެ ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުން 3-0ގެ ނަތީޖާއަކުން ބަލިވެ މުބާރާތުގެ ގަދަ ތިން ޓީމުގެ ތެރެއިން ޖާގަ ލިބުމުގެ ސަބަބުންނެވެ. އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ރާއްޖޭގެ މުހައްމަދު އަޖްފާން ކުޅުނު މެޗްގެ ފުރަތަމަ ސެޓް އޭނާ 21-19 އިން ގެންދިޔަ ނަމަވެސް ފަހު ދެސެޓް ސީޝެލްސްގެ ކުޕިޑޮންވަނީ 18-21 އަދި 8-21 އިން ގެންގޮސް މެޗް ކާމިޔާބުކޮށްފަ އެވެ.
ދެވަނަ މެޗްގައި ނަޝީއު އާއި ދެކޮޅަށް ސްޓީވް ކުޅުނު މެޗް އޭނާވަނީ ވަރަށް ފަސޭހަކަމާ އެކު 11-21 އަދި 15-21 އިން މެޗް ކާމިޔާބުކޮށްފަ އެވެ. އަދި ތިންވަނަ މެޗްގައި ނަޝްފާން ކުޅުނު މެޗުން ވެސް އޭނާވަނީ 12-21 އަދި 8-21 އިން ބަލިވެފަ އެވެ.
ރާއްޖޭގެ ޓީމުގެ ރިޔާޒް މެޗަށް ފަހު ބުނެފައި ވަނީ މިމެޗްގައި ރާއްޖެއަށް އެދެވޭ ކުޅުމެއް ނުދެއްކުނީ އިއްޔެވެސް ވަރުގަދަ މެޗެއް ކުޅުމަށް ފަހު ރެސްޓެއް ނެތި އިތުރު މެޗެއް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިން ވަރުބަލިވެފައިވާތީ ކަމަށެވެ.
"ކުރީ ދުވަހު ވަރުގަދަ މެޗެއް ކުޅުމަށް ފަހު މިއަދު އަނެއްކާ ރެސްޓެއްނެތި މިކުޅުނީ އެހެންވީމާ އެއީ ކުޅުންތެރިންނަށް ރެސްޓް ކުރާނެ ވަގުތު ނުލިބި ވަރުބަލިވެފައިވާތީ މިއަދު މިހެން މިދިމާވީ. އެކަމަކު ކުރިއަށް އޮތް އިންޑިވިޖުއަލް އިވެންޓްތަކުގައި ހަމަ ރަގަޅު ނަތީޖާތަކެއް ނެރެވޭނެކަމުގެ އުންމީދު ވަރަށް ބޮޑު." ރިޔާޒް ބުންޏެވެ.
ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އަޖްފާން ބުނެފައި ވަނީ ކުޅުމާ މެދު މިއަދު ހިތްހަމަނުޖެހޭ ކަމަށާއި މިއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.
"ކުޅުމާ މެދު ހިތްހަމައެއް ނުޖެހޭ. މިއަށްވުރެ ރަގަޅު ނަތީޖާއެއް ނެރެވޭނެ. މިހާރު ދެން އުންމީދުކުރަނީ އިންޑިވިޖުއަލް އިވެންޓްގައި މެޑަލްއެއް ހޯދުން. އިރާދަކުރެއްވިއްޔާ އެކަންތައް ކުރެވޭނެ."
"މިހާތަނަށް ރިޔޫނިއަން ނޫން އެހެން ޤައުމުތަކުގެ ކުޅުންތެރިން ފެނިއްޖެ. އެއިން ޤައުމެއްގެ ކުޅުންތެރިއަކާއި ދިމާވެއްޖެ ނަމަ ވަރަށް ފަސޭހަވާނެ. އެމީހުންގެ ކުޅުން މިހާރު އެނގިއްޖެ." އަޖްފާން ބުންޏެވެ.