04 Dec 2017, 22:34
ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކުރަން ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފައިދާ ނެގެން އޮތް އެންމެ ބޮޑުކޮށް ރާއްޖެއިން ނަގާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ސްރީލަންކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި އެޓާނީ ޖެނެރަލް އަލްއުސްތާޒު މުހައްމަދު އަނިލް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފައިދާ ނެގެން އޮތް އެންމެ ބޮޑުކޮށް ރާއްޖެއިން ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން މިނިސްޓަރު މިރޭ ސަންއަށް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ކުރިއަރާނީ މަސް އެކްސްޕޯޓުކުރުމުގެ ދާއިރާ އެކަނި ނޫން ކަމަށެވެ.
"ކޮންމެ ތަނަކުން އެއްޗެއް ގަތަސް އޭގައި އިންނާނީ 'މޭޑް އިން ޗައިނާ' ޖަހާފަ. އެއިންވެސް އެނގޭ ޗައިނާ އަކީ މާސް ޕްރޮޑަކްޝަންގެ ގައުމެއްކަން. ޗައިނާއިން މެޓީރިއަލްސް ގެނެސްގެން އެސެމްބްލިން ފަދަ މެނުފެކްޗަރިން ބިޒްނަސްތައް ރާއްޖޭގައި ފެށޭނެ،" މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ރާއްޖޭގައި އިތުރު ވިޔަފާރިތައް އުފެދޭނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ އެ ބައްދަލުވުމުގައި މިނިސްޓަރު ޝައިނީ ވިދާޅުވީ، ރާއްޖެއިން މިހާރުވެސް ސްރީލަންކާއާ އިންޑިއާ އާއެކު ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލާފައިވާކަމަށެވެ. އަދި ޔޫރަޕްގެ ގައުމުތަކާއެކުވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ނަމަވެސް ރާއްޖެއާއި އަވައްޓެރި ގައުމުތަކާއެކު އެކުލަވާލެވިފައިވާ ވިޔަފާރީގެ އެއްބަސްވުންތަައް އެންމެ އެކަށޭނަ ގޮތުގައި ތަންފީޒު ކުރެވިގެންނެއް ނުދޭ،" ޝައިނީ ވިދާޅުވިއެވެ.
ޗައިނާ އާއެކު ވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދަށް އޭގެ ސަބަބުން ހެޔޮ ބަދަލެއް އައިސް އިގްތިސާދު ހަލުވި މިނުގައި ކުރިއަރާނެ އެއްބަަސްވުމެއް ކަމަށް ތިން ބޭފުޅުންވެސް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި އަވައްޓެރި ގައުމުތަކާ މެދު އޮންނަ ގުޅުމަށް ހީނަރުކަން އަތުވެދާނެ ކަމަށް ދެކެވޭ ވާހަކައާއި މި އެއްބަސްވުމަކީ އިންޑިއާ ކަނޑުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެވޭ ވާހަކަ ދޮގު ކުރައްވައި އެ ތިން ބޭފުޅުން ވިދާޅުވީ މި އެއްބަސްވުމަކީ ސަރަހައްދުގެ ސަލާމަތީ ކަންތައް ގުރުބާން ކުރުމަށްފަހު ވެވޭ އެއްބަސްވުމެއް ނޫން ކަމަށެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާތައް ފެށީ 2014 ވަނަ އަހަރުއެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް މަޝްވަރާތަކުގެ ހަތް ބުރެއް ބާއްވާފައިވާއިރު މި އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ މަހުގެ 29 ގައި ރުހުން ދީފައެވެ.