04 Dec 2017, 22:57
ޕީޕީއެމްގެ ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ފްލެޓް ދޫކޮށްފައިވަނީ، އެ ފްލެޓްތައް ލިބުނު ފަރާތްތަކަކީ އޭގެ ހައްގުވެރީންކަން، 99 ޕަސެންޓަށްވުރެވެސް ބޮޑަށް ޔަގީންކޮށްފައި ކަމަށް ވިލި މާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެން މަނިކް ވިދާޅުވެއްޖެއެވެ.
ހުޅުމާލެއާއި ރާއްޖޭގެ ދެކުނުގެ އަށް ރަށެއްގައި އެޅި 1500 ހައުސިން ޔުނިޓް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ނުކުރާ ކަމެއް މިއަދުގެ ސަރުކާރުން ކުރި ކަމަށާއި އެކަމަކީ ގެދޮރު ބޭނުންވެފައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް އެބައެއްގެ ގާތަށް ގޮސް ހާލަތު ބެލުން ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓް ދޫކުރުމުގައި އޮޅުވާލުންތަކެއް އޮޅުވާލައި ޕާޓީގެ ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ނިހާން ވަނީ ރައްދު ދެއްވާފައެވެ.
"...އެކަހަލަ ހާލަތެއް އަޔަސް އެންމެ ސާފު ސީދާ މިންވަރެއްގަ 99 ޕޮއިންޓް ޕަސެންޓާ ހަމައަށް، އެންމެ ސާފުކަން ދެނެ، އެންމެ ބޮޑަށް މިކަން ބޭނުންވެފައިތިބި މީހުން ދެނެގަތުމުގެ މަސަތްކަތް ކުރިކަމީ އެއީ ސައްތައިން ސައްތަ ޔަގީން ކަމެއް. ރޯމާ ދުވާލުގެ އަލި ހެކިވާ ބީދައިން ހައުސިން މިނިސްޓްރީން އެކަން ކުރެއްވި،" ނިހާން ވިދާޅުވިއެވެ.
ފްލެޓް ހައްގުވާ ފަރާތްތަކަށް ފްލެޓް ދޭނެ ކަމީ ޕީޕީއެމްގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށް ނިހާން ވިދާޅުވީ، ގޯސްކޮށް ކަމެއް ހިނގުމަކީ ވެދާނެ ކަމެއް ކަމަށާއި ނަމަވެސް އެކަން ވެސް ފާހަގަވާ ހިސާބުން އިސްލާހުކޮށް ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ނިހާން ފާހަގަކުރެއްވީ، އަންނާރެއްކާއިރު އެއްވެސް އޮށެއް ވައްޓާނުލައި ކެއުމުކީ އުނދަގޫ ކަމެއްކަމަށް ވިދާޅުވެއެވެ.
ނިހާން ވަނީ ފްލެޓްތައް އެޅުމުގައި ލަސްތަކެއް ދިމާވި ކަމަށް އެއްބަސްވެވަޑައިގަނެފައެވެ. އަދި ބައެއް ފަހަރު ލަސްވި ނަމަވެސް އެކަމުގެ ނަތީޖާ ފޮނިވާނެ ކަމަށް ވިދާޅުވެ އެކަމުގެ ސަބަބު ވެސް ހާމަކުރެއްވިއެވެ.
"އެނގިވަޑައިގަނޭތޯ އަޅުގަނޑުމެނަށް އެ ލިބުނު ފްލެޓްތަކުގެ އަގާ އެ ނިންމާފަހުރި ނިސްބަތަށް ބަލާއިރު ރާއްޖެއަށް ބޮޑު ގެއްލުންތަކެއް ވާތީވެ އެއަށްވުރެން ކުޑަ ރަނގަޅު އަގެއްގައި އެކަން ކުރެވޭނެ ގޮތެއް ވޭތޯ ރައީސް ޔާމިނާ އެއްކޮށް އިކޮނަމިކް ޔޫތް ކައުންސިލާ ހައުސިން މިނިސްޓްރީއާ މަސަތްކަތްޕުޅު ކުރެއްވި،" ފްލެޓްތައް ލަސްވި ސަބަބު ހާމަކޮށް ނިހާން ވިދާޅުވިއެވެ.