04 Dec 2017, 20:07
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިވެހީން ދުވަހަކުވެސް މާފު ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ކުންފުންޏަކުން ރާއްޖޭގައި އިމާރާތް ކުރި 1500 ފްލެޓް ސަރުކާރާ ހަވާލުކުރުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ދިވެހިން ދުވަހަކުވެސް ރައީސް ނަޝީދަށް މާފު ނުކުރާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސައީދު ދެން ފާޑުވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫން އެމަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ބޯހިޔާވަހިކަން އެކަށިގެންވާ ވަރަށް ފޯރު ކޮށް ނުދީ އޮތުމަކީ މި ސަރުކާރުން ކަމެއް ނުކޮށް ހުންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ރައީސް މައުމޫން ހައުސިން ނުވަތަ ބޯހިޔާވަހިކަން ފޯރުކޮށްނުދީ އޮތުމަކީ މި ސަރުކާރުން ކަމެއް ނުކޮށްދޭން ޖެހޭ ސަބަބެއް ނޫން. ރައީސް ނަޝީދަށް ދުވަހަކުވެސް މި ގައުމު މާފެއް ނުކުރާނެ. އެމަނިކުފާނު މި ގައުމާ މެދު ކަންތައް ކުރެއްވި ގޮތް އަދި ކަންތައް ކުރައްވަމުންގެންދަވާ ގޮތް،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މީގެ ކުރިން ޖުމްހޫރީ ޕާޓީގައި ވެސް މަސައްކަތް ކުރެއްވި ސައީދު ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެސް ފާޑުވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޖުމްހުރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް އެންމެ ރަނގަޅީ ވިޔަފާރީގެ ދާއިރަގައި މަސައްކަތް ކުރެއްވުން ކަމަށެވެ.