04 Dec 2017, 20:16
ރާއްޖެ އާއި ޗައިނާ އާ ދެމެދު ގާއިމް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި ރާއްޖޭގެ އަވައްޓެރި ގައުމުތަކާމެދު އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ސްރީލަންކާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އެ އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތައް ގެނުވައިދޭނެ އެއްބަސްވުމެއް ކަމަށެވެ.
ޝައިނީ ވިދާޅުވީ ރާއްޖެއިން އިންޑިއާ އަދި ސްރީލަންކާ އާ އެކުވެސް ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލާފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ ގައުމުތަކާއެކުވެސް އެފަދަ އެއްބަސްވުންތައް އެކުލަވާލެވޭތޯ ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ ރާއްޖެއިން އަވައްޓެރި ގައުމުތަކާއެކު އެކުލަވާލާފައިވާ ވިޔަފާރީގެ އެއްބަސްވުންތައް އެންމެ އެކަށޭނަ ގޮތުގައި ތަންފީޒު ކުރެވެމުން ނުދާކަމަށެވެ.
ޗައިނާ އާއެކު ގާއިމް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތައް އަންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ރާއްޖެއިން ޗައިނާ އަށް ކުރާ އެކްސްޕޯޓުތަކުން އެއްވެސްް ޑިއުޓީ އެއް ނުނަގާނެއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އަވަސް އަރުވާލައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެމުން މުންދު ވިދާޅުވީ އެ އެއްބަސްވުމުގައިވާ ވާހަކަތަކަކީ 2014 ވަނަ އަހަރުން ފެށިގެން ދެކެވެމުން އަންނަ ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމުގައި ސޮއިކުރަނީ އަވަސްއަރުވާލައިގެން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް އެނާ ވިދާޅުވިއެވެ.
ޗައިނާއާ އެކު ސޮއިކުރަން އުޅޭ މިނިވަން ވިޔަފާރީގެ އެެއްބަސްވުމާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ "ޓައިމްސް އޮފް އިންޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ގާތް ރަހުމަތްތެރި އެހެން ގައުމުތަކާމެދު އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމަށެވެ.
"ޗައިނާ ފިޔަވައި ދިވެހީންގެ އެއްވެސް ރަހުމަތްތެރި ގައުމެއް މިހާރު ނެތް. ޗައިނާ އިން ކުރާ އަމުރާ އެއްގޮތަށް މި ސަރުކާރުން އަމަލު ކުރަނީ. އެގްރިމެންޓުގައި ސޮއި ކުރުން ނޫން ގޮތެއް ސަރުކާރަކަށް ނެތް،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.