04 Dec 2017, 18:44
މުމްބާއީ(4 ޑިސެމްބަރު) - ބޮލީވުޑްގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ޝަޝީ ކަޕޫރު މަރުވެއްޖެއެވެ.
ލޯބީގެ ބައިތައް ކުޅުމުގައި، 70ގެ އަދި 80ގެ އަހަރުތަކުގައި އެފަދަ ދެވަނައެއް ނުވާ ބޮލީވުޑް ލެޖެންޑް ޝަޝީ މަރުވެފައި ވަނީ، ކިޑްނީގެ ބައްޔަށް ފަރުވާ ހޯދަމުންދާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، އުމުރުން 79 އަހަރުގައެވެ.
ކުރީގެ މަޝްހޫރު ފިލްމުތައް ކަމަށްވާ، ދީވާރު، ސަތުޔަމް ޝިވަމް ސުންދަރަމް، ޖުނޫން، ޝާން އަދި ނަމަކް ހަލާލް ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ޝަޝީ މަރުވެފައިވާކަން، ކުރީގެ ފިލްމީ ތަރި ރާޖް ކަޕޫރުގެ ދަރިފުޅު ރަންދީރު ކަޕޫރާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ކަށަވަރުކޮށްދެއެވެ.
"އޭނާ ނިޔާވެއްޖެ. މީގެ އެތަކެއް އަހަރެއްކުރީން ފެށިގެން އޭނާއަށް ވަނީ ކިޑްނީގެ މައްސަލަތައް ކުރިމަތިވާން ފަށާފައި. އެތަކެއް އަހަރު ވަންދެން އޭނާ ދިޔައީ ޑަޔަލަސިސް ހަދަމުން،" ބޮޑުބޭބެގެ މަރާ ގުޅޭގޮތުން ޕްރެސް ޓްރަސްޓް އިންޑިއާއަށް ރަންދީރު ބުންޏެވެ.
ޝަޝީ މަރުވިއިރު އޭނާއަށް ފަރުވާ ދެމުން ގެންދިޔައީ ބޮމްބޭގެ ކޮކިލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ތެރޭގައި ޝަޝީއަށް ވަނީ އިންޑިއާ ސަރުކާރުން ދޭ، ޕަދުމާ ބުޝަން އެވޯޑު ލިބިފައެވެ. އަދި 2015 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ، ދާދާސާހެބް ފަލްކޭ އެވޯޑްހޯދައިފައެވެ.