އިނގިރޭސިވިލާތުގެ ދެބައިކުޅަ އެއްބައި ރައްޔިތުން، އެގައުމު އީޔޫއިން ވަކިވުމާމެދު އަލުން ވޯޓަކަށް ދާން ބޭނުންވާކަން އެގައުމުގައި ކުރި ސާވޭއެއްގައި ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ މެއިލް އޮން ސަންޑޭ ނޫހުން ކުރި ސާވޭއެއްގައި ހާމަކުރިގޮތުގައި، ސާވޭގައި ބައިވެރިވި 50 ޕަސެންޓް މީހުން އިޔޫއިން ވަކިވުމުގެ ކުރިން އެމީހުންގެ ހިޔާލު އެކަމުގައި ހޯދަން ޖެހޭނެކަމަށް ބުނިއިރު، އީޔޫއިން ވަކިވުމަށް ބޭނުންވަނީ އެންމެ 34 ޕަސެންޓް މީހުންނެވެ. އިޔޫއިން ވަކިވުމުގެ ކުރިން އެ އިއްތިހާދަށް އިނގިރޭސިވިލާތުން މަދުވެގެން 67 ބިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ވަނީ ބެލެވިފައެވެ.

އީޔޫއިން ވަކިވުމުގެ ކުރިން އިނގިރޭސިވލާތުން އެ އިއްތިހާދަށް ދައްކަންޖެހޭ ފައިސާގެ ފުރިހަމަ އަދަދު ހާމަކުރުމަށް އެދި، އެގައުމުގެ ބޮޑުވަޒީރު ތެރީސާ މޭއަށް ދަނީ ވަރަށް ބޮޑެތި ފިއްތުންތައް ީ ކުރިމަތިވަމުންނެވެ. މެއިލްއިން ކުރި ސާވޭގައި 57 ޕަސެންޓް މީހުން ވަނީ އެ ފަދަ ބޮޑުއަދަދެއްގެ ފައިސާ އިޔޫއަށް ދެއްކުމަށް ދެކޮޅުހަދައިފައެވެ.

އީޔޫއާއެކު އޮތުން އިނގިރޭސިވިލާތުން މާ ރަނގަޅުކަމަށް ސާވޭގައި ބައިވެރިވި 43 ޕަސެންޓް މީހުން ބުންޏެވެ. އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމާމެދު ތެރީސާގެ ކެބިނެޓްގައި ހިޔާލުވަނީ ވަރަށް ބޮޑަށް ތާފާތުވެފައެވެ.

މިހާތަނަށް އެ މައްސަލައިގައި އީޔޫއާ އިނގިރޭސިވިލާތުން ފަސް ފަހަރު މަޝްވަރާކޮށްފައިވާ އިރު ވާހަކަތައް އެއްވެސް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ. އީޔޫއިން ބުނާގޮތުގައި އިނގިރޭސިވިލާތުން އެ އިއްތިހާދުން ވަކިވުމާމެދު ގޮތެއް ކަނޑައަޅަން ވަނީ ނުކުޅެދިފައެވެ.

އަންނަ އަހަރުގެ މާޗް 29ގައި އީޔޫއިން އިނިގިރޭސިވިލާތް ވަކިވުމަށް ހަމަޖެހިފައިވާއިރު އޭގެ ކުރިން ތެރީސާގެ ސަރުކާރު ވެއްޓިދާނެކަމަށް ގިނަ މުރާސިލުން ދަނީ ބުނަމުންނެވެ.

ތެރީސާ މީގެ ކުރިން ބުނިގޮތުގައި އިޔޫއިން ވަކިވުމުގައި އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް އެ އިއްތިހާދުން އެގައުމު ވަކިވާނެއެވެ.