ސަރުކާރުން މި އަހަރު އަލަށް ހުޅުވާލި ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން މިއަދު ހަވާލު ކޮށްފި އެވެ.

މިއަހަރުގެ ތެރޭގައި ސަރުކާރުން ހުޅުވާލި ހައި އެޗީޗާސް ސްކޮލަޝިޕަކީ އޭލެވެލް އިމްތިހާން ނިންމައި ދެވަނަ ދަރަޖައިގެ ދިވެހި ދަރިވަރުންނަށް ސަރުކާރުން ދޭ މަތީ ތައުލީމުގެ ފުރުސަތެކެވެ.

ހައި އެޗީވާސް ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް ސްކޮލަޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުުﷲ ނަޒީރު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ސްކޮލަޝިޕް ލިބޭނީ ޖީސީއީ އޭލެވެލް އިމްތިހާނުގެ ތިން މާއްދާގެ އިތުރުން ދިވެއްސާއި އިސްލާމް މާއްދާއިން ދަށްވެގެން އޭ ފާސް ހޯދާ ދަރިވަރުންނަށެވެ.

އެގޮތުން، މިއަހަރުގެ މެއި/ޖޫން ގައި ބޭއްވި އޭލެވެލް އިމްތިހާނު ތަކުން ފަސް އޭ އަށްވުރެ މަތިން ހޯދި 41 ދަރިވަރަކަށް ވަނީ ސްކޮލަޝިޕް ލިބުނު ކަމުގެ ލިޔުން މިއަދު ވަނީ ހަވާލު ކޮށްފައެވެ.

ސްކޮލަޝިޕު ފުރުސަތަށް ޝަރުތު ހަމަވި އެ ހުރިހާ ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ، ޗަމްޕާ ސެންޓްރަލް ހޮޓެލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ތައުލީމީ ވަޒީރު، ޑރ. އާއިޝަތު ޝިހާމެވެ.

ހައި އެޗީވާސް ސްކޮލަޝިޕުގެ ދަށުން މެލޭޝިއާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި ސާކުގެ ގައުމު ތަކުން ބޭނުން ގައުމެއްގައި ހިލޭ ކިޔެވުމުގެ ފުރުސަތު ދެވޭނެ އެވެ.

ހައި އެޗީވާސް ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް ސްކޮލަޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް އެ ގައުމުތަކުގައި ދަރިވަރު ކިޔަވަން ބޭނުންވާ ކޯހެއް ނުހިންގާ ނަމަ އެހެން ގައުމަކުން ވެސް މަތީ ތައުލީމް ހާސިލް ކުުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ހަމައެކަނި ޝަރުތަކަށް ވާން ޖެހޭނީ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން (ޑީއެޗްއީ)ގެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ވުރެ އަގު ހެޔޮ ނުވަތަ އެއާ އެއްވަރުގެ ހަރަދުތަކެއް ހިނގާ ކޯހަކަށް ވުމެވެ.

ހައި އެޗީވާސް ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް ސްކޮލަޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން އެ ސްކޮލަޝިޕްގެ ދަށުން ކިޔަވާއިރު އިތުރު ހަރަދެއް ހިނގާނަމަ، ޑީއެޗްއީގެ ސަޕްލިމެންޓަރީ ލޯނުގެ ތެރެއިން އެ ހަރަދުތައް ދައްކަން ނުވަތަ އަމިއްލަ ފައިސާ އިން އެކަމާ ޒިންމާ ވާނެ ކަމުގެ ބޭންކު ގެރެންޓީއެއް ހުށަހެޅުމުން އެ ހުއްދަ ލިބޭނެއެވެ.