ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދެ ތަމްރީން ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ތަމްސީލްކުރާ ޖަމިއްޔާ މަޓާޓޯއާއި ސްރީލަންކާގެ ޓްރެއިނިން އިންސްޓިޓިއުޓެއް ކަމަށްވާ މެކުއޭ ރެން އެންޑް ޖޯންސް އާއި ގުޅިގެން އެ ތަމްރީން ޕްރޮގްރާމް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހު ޗަންޕާ ސެންޓްރަލް ހޮޓެލްގައެވެ.

ދެ ދުވަހަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ އެ ޕްރޮގްރާމުގައި ދެ ދުވަހުގައިވެސް ތަފާތު ދެކަމަކަށް އަމާޒުކޮށްގެން ތަމްރީނުތައް ކުރިއަށްގެންދާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން ބުނީ، އެ ތަމްރީން ޕްރޮގްރާމް އަމާޒު ކުރެވިފައިވާ މައިގަނޑު ދެ ބަޔަކީ "ޑީލިން ވިތް ޑިފިކަލްޓް ކަސްޓަމާސް" ނުވަތަ ހިތް ހަމަ ނުޖެހިފައި ތިބޭ ރުޅިގަދަ ކަސްޓަމަރުންނާ މުއާމަލާތް ކުރާނެގޮތާއި "މެނޭޖިން މަލްޓިޕްލް ޓާސްކް، އޮބްޖެކްޓިވްސް އެންޑް ޑެޑްލައިން" ނުވަތަ ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ކަންކަން ގަޑިޔަށް ނިންމުމާއި ބެހޭގޮން ކަމަށެވެ.

ދެ ދުވަހަށް ކުރިއަށްގެންދާ އެ ދެ ތަމްރީން ޕްރޮގްރާމުގައި ކޮންމެ ޕްރޮގްރާމެއްގައިވެސް 60 މީހުންނަށް ބައިވެރިވެވޭނެ ކަމަށް މަޓާޓޯއިން ބުނެފައިވެއެވެ. އެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަވާއިރު ތަމްރީން ތަކުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ އަށްވަނަ ދުވަހެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުންއޮންލައިންކޮށްރެޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން އަބަދުވެސް މަސައްކަތް ކުރަނީ ޓޫރިޒަމްދާއިރާއާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ޒަމާނީ ފެންވަރުގެ ތަމްރީންތައް ފޯރުކޮށްދީ ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ދާއިރާ ކުރިއެރުވުމަށެވެ. އެގޮތުން އެފަދަ ޓްރެއިނިން ޕްރޮގްރާމްތަކާއި ފެއާތަށް މަޓާޓޯއިން އަބަދުވެސް އަންނަނީ ހިންގަމުންނެވެ.