ލަންކާގެ ބޯޓުތަކަށް ރާއްޖޭގެ ކަނޑު ހުރަސް ކުރުމުގެ ހުއްދަ ދިނުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފައި ނުވާނެ ކަމަށާއި ސަރުކާރުން ހަމައެކަނި މަޝްވަރާކޮށްފައި ވާނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެގައުމުގެ ބޯޓުތަކަށް ރާއްޖޭގެ ކަނޑު ހުރަސްކުރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމާ ގުޅޭ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕްރެސް ސެކްރެޓަރީ ޒުހެއިރު ވިދާޅުވީ، ލަންކާގެ މަސް ބޯޓުފަހަރަށް ރާއްޖޭގެ ކަނޑުތައް ސަރުކާރުން ހުޅުވާ ނުލާ ކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއްގައި ސޮއިނުކުރާ ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ މީޑިއާގައި ދައްކަވާފައިވާ ވާހަކަފުޅު ދޮގު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒުހެއިރު ވިދާޅުވީ، ލަންކާގެ ޑެޕިއުޓީ އެކްސްޓާނަލް މިނިސްޓަރު ނިއޮމަލް ޕެރޭރާ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ލަންކާގެ ބޯޓު ފަހަރަށް ފަސޭހައިން ރާއްޖޭގެ ކަނޑު ހުރަސްކޮށް އަރަބި ކަނޑަށް ނުކުމެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ވަރަށް ބޮޑަށް އެދިފައިވާ ކަމަށެވެ. އަދި ސަރުކާރުން އެކަމުގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދިން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.

އެގޮތުން ލަންކާގެ އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހުރަސްކުރާ ނަމަ 48 ގަޑިއިރު ކުރިން ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީ އަށް އެކަން އެންގުމުން އެކަމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެ ބޯޓުތައް ޓްރެކް ކުރެވޭނެ ނިޒާމް ހަމަޖެއްސުމަށް މަޝްވަރާތަކުގައި އެއްބަސްވެފައިވާ ކަމުގައި ޒުހެއިރު ވިދާޅުވި އެވެ.

އަދި އެއީ ސަރުކާރުން އަލަށް ކުރާ ކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް މެރިޓައިމް ގަވައިދުތަކުގެ ދަށުން އެހެން ގައުމުތަކުގެ ބޯޓު ފަހަރަށް ރާއްޖޭގެ ކަނޑު ހުރަސްކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ލަންކާގެ ބޯޓުތަކަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ، ރާއްޖޭގެ މަސްކަނޑުތައް ބޭނުންކުރުމުގެ ހުއްދަ އެގައުމަށް ދިނުން ނޫން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.

"ސީދާ މަސްކަނޑުތައް ހުރަސްކުރުމަށް ހުއްދަ ދިނުމަކާ އެއްވަރެއް ނުވާނެ އެކަންތައް. އަދި މަސްކަނޑެއް ހުރަސްކުރަން ސީދާ އެއްބަސްވުމެއްގައި ސޮއިކުރެވިފައެއް ވެސް ނުވޭ. އެހެންނަމަވެސް ބައިނަލްއަގުވާމީ ގޮތުން އެބޭފުޅުން ކަނޑުގެ ސަރަހައްދަށް ވަންނަ ކަމަށްވަންޏާ މިހާރުގެ މިޒަމާނުގެ ވަސީލަތް ބޭނުންކޮށްގެން ކުރެވޭނެ ގޮތްތަކެއް ކަނޑައަޅުއްވައި، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައި ވަނީ،" ޒުހެއިރު ވިދާޅުވި އެވެ.

މީގެ އިތުރުން އެ މައްސަލަ އެހާބޮޑުވެގެން ގޮސްފައި ވަނީ އިދިކޮޅު ފަރާތްތަކުން ހަގީގަތް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ފަތުރަމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.