ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން "Y18" ސްޕޯޓްސް ފިއެސްޓާ ފަސްކޮށްފިއެވެ.

މި ފިއެސްޓާ އިންތިޒާމްކުރާ، ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ސަރަހައްދުގައި އުފެދުނު ތޫފާނުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް އެކި ވަރު ވަރުގެ ގެއްލުން ލިބިފައިވާކަމަށާއި އަދި ކުރިއަށް އޮތް ހަފްތާތަކުގައި ވެސް ރާއްޖެ ހިމެނޭ ސަރަހައްދުގައި ތޫފާނެއް އުފެދި ވިއްސާރަ ކޮށްފާނެ ކަމަށް މޫސުން ދިރާސާ ކުރާ ފަރާތްތަކުން ބުނަމުންދާ ކަމަށެވެ.

އެެހެން ކަމުން، މި ދުވަސްވަރަކީ Y18 ސްޕޯޓްސް ފިއެސްޓާ ފަދަ ބޮޑު ކުޅުވަރު މުބާރާތެއް ބޭއްވުމަށް އެންމެ އެކަށީގެންވާ ދުވަސްވަރު ކަމަށް ނުވާތީ އެ މުބާރާތް ފަސް ކުރަން ނިންމާފައިވާ ކަން ބަޔާނުގައި ވަނީ ބުނެފައެވެ.

ކުރިން ކަނޑައެޅިފައި އޮތް ތާރީހުގެ ބަދަލުގައި މިހާރު މުބާރާތުގެ ގުރުއަތުލުން އޮންނާނީ 12 ޖެނުއަރީ 2018 ވާ އާދީއްތަ ދުވަހު އެވެ. އަދި މުބާރާތް ފެށޭނީ 19 ޖެނުއަރީ 2018 ވާ އާދީއްތަ ދުވަހު އެވެ.

މީގެ ކުރިން ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 7 ވަނަ ދުވަހު އެވެ. އަދި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ފުރަތަމަ އޮންނާނީ އަތޮޅު މުބާރާތެވެ. އަތޮޅު މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 15،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަތޮޅު މުބާރާތްތަކުގެ ޗެމްޕިއަނުން ވާދަކުރާނީ ޒޯން މުބާރާތުގެ ޒޯން މުބާރާތުގެ ކޮންމެ ޓީމަކަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޒޯން މުބާރާތް ކާމިޔާބު ކުރާ ޓީމްތައް ކުޅޭނީ ފައިނަލް ބުރުގައެވެ. ފައިނަލް ބުރަށް ދާ ކޮންމެ ޓީމަކަށް 100،000 ރުފިޔާ ދޭން ވަނީ ހަމަޖައްސައިފައެވެ.