ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހަމަ އެކަނި އެންމެ ގައުމެއްގެ ކޮންޓްރޯލްގެ ދަށަށް ހިނގައިދާނެތީ އިދިކޮޅު ޖުމްހޫރީ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދެހާސް ސާދަވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރުން ކުރަމުން އައި މަސައްކަތް ނިންމައި، ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)ގައި ރާއްޖެއިން ސޮއިކުރާ ގޮތަށް ނިންމީ މިދިޔަ ބުދަ ދުވަހު އެވެ. އަދި ހަމަ އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ "ހާއްސަ' ޖަލްސާއަކަށް ހުށަހަޅައި ވަނީ ފާސް ކޮށްފައެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޖޭޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްބަސްވުމުގައި ސޮއިކުރަން މަޖިލީހުން ރުހުން ދީފައިވަނީ ހުރިހާ އިޖުރާއަތު ތަކާއި ހިލާފަށް ކަމަށެވެ.

އެގޮތުން، ޗައިނާއާއެކު ސޮއިކުރަން ނިންމި އެފްޓީއޭ އަކީ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމްވާ ފަދަ ކަންކަން ހިމެނޭ އެގްރިމެންޓަކަށްވާއިރު، އެފަދަ ކަމެއްގައި ވޯޓަށް އަހާފައިވަނީ މަޖިލީހުގެ އެކަމަށް ބޭނުންވާ އަދަދަށް މެމްބަރުން ހާޒިރުވެ ނެތް ދުވަހެއްގައި ކަމަށް ބުނެފައިވެ އެވެ.

"އެގްރިމެންޓަށް ވޯޓަށް އެހި ޖަލްސާއާއި އެޖަލްސާގައި މި އެގްރިމެންޓަށް ރުހުން ދިނުމަށް ހުށަހަޅައި ފާސްކުރި ކުރުމަކީ ބާތިލް، އެމައްޗަށް އަމަލުކުރުން ހުއްދަވެގެން ނުވާ ނިންމުމެއް ކަމަށް ޖުމްހޫރީ ޕާޓީއިން ދެކެމެވެ." ޖޭޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަވަސް އަރުވާލައިގެން ފާސްކުރި އެ އެއްބަސްވުމަކީ ވަކި ފަރާތަކަށް ފައިދާ ކުރަނިވި ގޮތަކަށް ކޮށްފައިވާ އަމަލެއް ކަމުން ޗައިނާ ސަރުކާރަށް ވެސް މިކަން ހިނގާދިޔަ ގޮތުގެ ހަގީގަތް އޮޅުވާލާފައިވާ ކަމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އަދި އެގްރިމެންޓުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިދާނެ ގެއްލުމާއި ފައިދާގެ މައުލޫމާތު ހިއްސާ ކޮށްފައިނުވާތީ، އެކަމުގައި ފޮރުވިފައިވާ ކިތަންމެ ސިއްރެއް ހުންނާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

"މި އެގްރިމެންޓްގެ ސަބަބުން މި ދާއިރާ ތަކުން ވިޔަފާރި ކުރާ ރާއްޖޭގެ ކުދި އަދި މެދުމިނުގެ ވިޔަފާރިތައް ހަލާކުވެގެން ގޮސް، ރާއްޖޭގެ އިގުތިސާދު ހަމަ އެކަނި އެންމެ ގައުމެއްގެ ކޮންޓްރޯލްގެ ދަށަށް ހިގައިދާނެތީވެ، އެކަމާ ޖުމްހޫރީ ޕާޓީ އިން ނުހަނު ކަންބޮޑުވަމެވެ،" ޖޭޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި އެ އެއްބަސްވުމަށް އަމަލު ކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ތަރުތީބު ކުރުން ވަގުތުން ވަގުތަށް ހުއްޓާލުމަށާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ނުދޭ އެގްރިމެންޓެއްގައި ސަރުކާރުން ސޮއި ނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ވެސް ޖޭޕީގެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.

"ރައްޔިތުންގެ މަޖްލީހުގެ ސައްހަަ ޖަލްސާއަކުން ގާނޫނާއި ގަަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ރުހުން ހޯދުމަށްފަހު މެނުވީ މި އެގްރިމެންޓްގައި ސޮއި ކުރުމާއި އެގްރިމެންޓާއި ގުޅޭ ގޮތުން ކުރަންޖެހޭ އެއްވެސްކަމެއް ނުކުރުމަށް ޗައިނާ ސަރުކާރަށް އިލްތިމާސްކުރަމެވެ."