ސަނާ (04 ޑިސެމްބަރު) :ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ހުންނަ ނިއުކުލިއާ ޕްލާންޓަކަށް ހޫތީން މިސައިލެއް ފޮނުވައިލައިފި ކަމަށް ޔަމަނުގެ ހޫތީ ޖަމާއަތުން ބުނެފި އެވެ.

ހޫތީގެ ނިއުސް އޭޖެންސީ ވެބްސައިޓް އަލް-މަސީރާ އިން އިއްޔެ ބުނި ގޮތުގައި އެ ޕްލާންޓަށް ފޮނުވާލާފައި ވަނީ ކްރޫސް މިސައިލެކެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ޔަމަނުގެ މީޑިއާ އިން ބުނި ގޮތުގައި ފޮނުވާލި މިސައިލު ވަނީ ކާމިޔާބުކަމާ އެކު އޭގެ އަމާޒަށް ވާސިލްވެފަ އެވެ.

ޔަމަނުގެ އަސްކަރިއްޔާގެ ސްޕޯކްސްޕާސަން ލުބްނާނުގެ އަލް- މަޔާދީން ޓީވީ އަށް ވިދާޅުވި ގޮތުގައި މިއީ ޔޫއޭއީން ޔަމަނަށް ދޭ ހަމަލާތަކާ ގުޅިގެން ދެވުނު ރައްދެކެވެ. ސައުދީން އިސްވެ އޮވެ އުފައްދަވައިފައިވާ ކޯލިޝަނުން ޔަމަނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ޔޫއޭއީއަކީ ވަރަށް މުހިންމު ބައިވެރިއެކެވެ. ޔޫއޭ އިން ދަނީ ޔަމަނުގެ ސައުދީއަށް ސަޕޯޓްކުރާ ގްރޫޕްތައް ޓްރެއިން ކުރަމުންނެވެ. އިންސާނީ ޖަމާއަތްތަކުން ބުނާ ގޮތުގައި ޔޫއޭއީން ދަނީ ޔަމަނުގެ ސިއްރު ޖަލުތަކުގައި މީހުން ހައްޔަކުކޮށް އެތަކެއް އަނިޔާތަކެއް ވެސް ހިންގަމުންނެވެ.

ނަމަވެސް ޔޫއޭއީގެ ދައުލަތުގެ ނިއުސް އޭޖެންސީ ވޭމްއިން ވަނީ ހޫތީން ނިއުކުލިއާ ޕްލާންޓަށް މިސައިލްހަމަލާ ދިން ވާހަކަ ދޮގުކުރެ އެވެ. ވޭމްއިން ބުނި ގޮތުގައި އެ ޕްލާންޓްގައި ހުރި މިސައިލް ޑިފެންސް ސިސްޓަމުގައި އެފަދަ ހަމަލާއަކުން ރެކުމުގެ ގާބިލުކަން ލިބިފައިވެ އެވެ.

ސައުދީން ޔަމަނަށް ދެމުންދާ އިންސާނިއްޔަތާ ހިލާފު ހަމަލާތަކާ ގުޅިގެން ޔަމަނުގެ ސިފައިން ދޭތެރެ ދޭތެރެއިން ދަނީ ސައުދީއަށް ބެލެސްޓިކް މިސައިލް ހަމަލާތައް ދެމުންނެވެ.

ހޫތީންގެ ލީޑަރު އަބްދުލް މާލިކް އަލް ހޫތީ މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވީ އެ ގައުމުގެ ޔޫއޭއީގެ ކޮންމެ ހިސާބަކަށް ހަމަލާދިނުމުގެ ކުޅަދާނަކަން ލިބިފައިވާ މިސައިލް އެގައުމުގައި ހުރި ކަމަށާއި ޔޫއޭއީއަށް އަމާންކަމެއް ނެތް ކަމުގަ އެވެ.

ޕްރެސްޓީވީ