ކަރަކަސް(04 ޑިސެމްބަރު): އެމެރިކާއިން ވެނެޒުއޭލާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމުގެ ގޮތުން ކްރިޕްޓޯ ކަރަންސީއެއް ތައާރަފްކުރުމަށް ތައްޔާރުވަމުން ދާ ކަމަށް އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ.

މަދޫރޯ އިއްޔެ ގައުމާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ، ވެނެޒުއޭލާއިން ކްރިޕްޓޯ ކަރަންސީ ތައާރްފްކުރަނީ އެގައުމުގެ މާލީ ނިޒާމުގެ މިނިވަންކަންދަމަހައްޓައި އަދި އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިތިބެ، ފައިސާގެ މުއާމަލާތްތައް ކުރުމަށް ކަމަށެވެ.

ކްރިޕްޓޯ ކަރަންސީއަކީ ސެންޓްރަލް ބޭންކެއް މެދުވެރިނުވެ ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ ޑިޖިޓަލް ކަރަންސީއެކެވެ. ދުނިޔޭގެ ފުރަތަމަ ކްރިޕްޓޯ ކަރަންސީއަކީ 2009 ވަނަ އަހަރު ތައާރަފްކުރެވުނު ބިޓްކޮއިންއެވެ. ބިޓްކޮއިންގެ އަގު ވަރަށް މައްޗަށް އަރައިފައިވާއިރު އެ ވަސީލަތް ބޭނުންކޮށްގެން ކާކުކަން ނޭނގި ފައިސާގެ މުއާމަލާތްތައް ވެސް ކުރެވެއެވެ.

މަދޫރޯ އިތުރަށް ވިދާޅުވި ގޮތުގައި އަލަށް ތައާރަފްކުރެވޭ ފައިސާ ބަރޯސާވާނީ އެގައުމުގެ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށެވެ.

ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ހީނާރުކަމާ ގުޅިގެން ވެނެޒުއޭލާގެ ފައިސާ، ބޮލީވާރުގެ އަގު މިދިޔަ މަހު އެކަނިވެސް ވަނީ 57 ޕަސެންޓް ވެެއްޓިފައެވެ. ވެނެޒުއޭލާގެ އިގްތިސާދު ވަރަށް ބޮޑަށް އަޑިއަޅާލުމުގެ ސަބަބުން އެގައުމުގައި ވަނީ މުޒާހަރާތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއަހަރު ކުރީކޮޅު ހަަމަނުޖެހުންތައް ފެށުނު ފަހުން އެގައުމުގައި 125 މީހުން ވަނީ މަރުވެފައެވެ.

ވެނެޒުއޭލާ ސަރުކާރުން ބުނާގޮތުގައި އެމެރިކާއިން ދަނީ އެގައުމުގައި ހަމަނުޖެހުންތަކުގެ ތެރެއަށް ވައްޓާލައި ބަޣާވާތެއް ގެނައުމަށް ތައްޔާރުވަމުންނެވެ. މީގެ ކުރިންވެސް އެމެރިކާގެ މަދަދު ލިބޭ ވެނެޒުއޭލާގެ ފަރާތްތަކުން ވަނީ އެގައުމުގެ ކުރީގެ ރައީސް ހޫގޯ ޗާވޭޒްގެ ވެރިކަން ބަޣާވާތަކުން ވައްޓާލައިފައެވެ. ނަަމަވެސް ވެނެޒުއޭލާގެ ރައްޔިތުން މަގުމައްޗަށް ނިކުމެ އުތުރިއެރުމުގެ ސަބަބުން ޗާވޭޒް ވަނީ އެނބުރި ވެރިކަމަށް އަރައިވަޑައިގެންފައެވެ.

މަސްދަރު: ޕްރެސްޓީވީ