ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ދައުވަތަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެ ކަނބަލުން ޗައިނާއަށް ފުރަމާނަ ދަތުފުޅެއް ކުރައްވަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އަބްދުﷲ މުއާޒު އަލީ މިއަދު ވިދާޅުވީ، މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ޗައިނާ އަށް ރައީސް ފައްޓަވާ ދަތުރުފުޅަކީ އެމަނިކުފާނު ޗައިނާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކަމަށެވެ.

ފުރަމާނަ ދަތުރުފުޅުތަކަކީ ރައީސުން ކުރައްވާ އެންމެ ރަސްމީ ދަތުރުފުޅު ތަކެވެ.

މުއާޒް ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު ކަންތައްތަކަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި މުހިންމު ނިންމުންތަކެއް ވެސް ނިންމަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައީސްގެ އަރިހުގައި ސަރުކާރުގެ ހާއްސަ ވަފުދެއް ވެސް ޗައިނާ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ.

ރައީސް ޗައިނާ އަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާނެ ކަން މިއަދު އިއުލާންކޮށްފައިވާ އިރު މިދިޔަ ހަފްތާތެރޭގައި ވަނީ ޗައިނާ އަދި ރާއްޖެ ހިމެނޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ރަސްމީ ހުރިހާ މަރުހަލާއަކުން ނިންމައިފަ އެވެ. އަދި އެ ދަތުރުފުޅުގައި އެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން ވަނީ ރަސްމީ ދެ ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގެންފަ އެވެ. އެއީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އެވެ.

އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕެންގް ލިޔުއާން ވަނީ 2014 ވަނަ އަހަރު ފުރަމާނަ ދަތުރުފުޅެއް ރާއްޖެ އަށް ކުރައްވައިފަ އެވެ.