ހުއްދަ ނެތި ގަހާއި ގަހުގެ ބާވަތްތައް ރާއްޖެ އެތެރެ ކުރުމަކީ މަނާ ކަމެއްކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ ލިޔުމަކުން ހުއްދަ ނެތި ގަހާއި ގަހުގެ ބައިތައް ރާއްޖެ އެތެރެކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެ އިއުލާންގައި ބުނެފައި ވަނީ މި ދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސްވަރަކަށް ވެފައި ރާއްޖެ އިން ބޭރަށް ގިނަ ބަޔަކު ދަތުރުކޮށް އެނބުރި އަންނަ އިރު ގަހާއި ގަހުގެ ބައިތައް މިނިސްޓްރީގެ ހުއްދަ ނެތި އެތެރެ ކުރަމުން އަންނަ ކަމަށެވެ.

އެގޮތަށް ވެސް އެތެރެ ކުރެވޭނީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނާއި މާލޭ ކޮމާޝަލް ހާބަރުން ކަމަށާއި އަދި އެގޮތަށް އެތެރެކުރާ ތަކެތީގައި އެއްވެސް ވަރަކަށް ވެލި ނުވަތަ ކާދު( ގަސްގާނާ) ހުރެގެން ނުވާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގެ ހުއްދަ އެއް ނެތި އެތެރެ ކުރާ ގަހާއި ގަހުގެ ބައިތައް އެއްކޮށް ނައްތާލާނެ ކަމަށާއި ގަހާއި ގަހުގެ ބައިތައް ރާއްޖެ އެތެރެ ކުރާ ނަމަ އެ މިނިސްޓްރީ އިންދޭ ހުއްދަ ނެގުމާ އެކު އެ ހުއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާ އެކު ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓަށް ހުށައަޅަން ޖެހޭނެ ކަމަށެވެ.