ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން ދިވެހިރާއްޖޭގައި ފުރަތަމަ ބޭއްވި ގައުމީ އަންހެން ޓީ20 ކްރިކެޓް ލީގުގެ ދެވަނަ ބުރުގެ ޗެމްޕިއަންކަން ލ. ކުނަހަންދޫ ޓީމު ހޯދައިފި އެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ތިން ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ ކުނަހަންދޫ ޓީމާއި މާލޭ ޓީމުގެ އިތުރުން ވިލިމާލެ ޓީމެވެ.

ކުނަހަންދޫން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މާލޭ ކުރިކެޓް ޓީމާ ވާދަކޮށް ހަތަރު ވިކެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މެޗުގައި ޓޮސް ދިމާކޮށްގެން މާލެ ޓީމުން ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 47 ލަނޑެވެ. ޖަވާބުގައި ކުނަހަންދޫ ޓީމު ކުޅެން އަރާ ވަނީ 13.5 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން މާލޭ ޓީމުގެ މައްޗަށް ކުރިހޯދާފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކުނަހަންދޫގެ ސުމައްޔާ ބިންތި އަބްދުލް ހަމީދާއި ހަފްސާ އަބްދުﷲ އާއި ހަލީމަތު ލައިޝާގެ އިތުރުން މާލޭ އަންހެން ކުރިކެޓް ޓީމުގެ ފާތުމަތު ޝަފާ އަދި މަރިޔަމް އީމާން އެވެ.

މި ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ކުރިއަށްދިޔައީ ސެޕްޓެމްބަރު މަހު ފުވައްމުލައް ސިޓީގައެވެ. ފުރަތަމަ ބުރުގައިވެސް ތިން ޓީމަކުން ވަނީ ވާދަކޮށްފައެވެ. ފުވައްމުލަކުގައި ކުރިއަށްގެންދިޔަ ބުރުގައި ބައިވެރިވެފައިވަނީ މާލެއިން ޓީމަކާއި ފުވައްމުލަކުގެ ދެޓީމު ކަމަށްވާ ރަސްރަނި ޓީމާއި ޗެލެންޖާސް ޓީމެވެ.