އާސަންދަ ސުކީމުގެ ދަށުން ހިދުމަތް ހޯދުމަށް ވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ބަދަލުގައި މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރާ ޕާސްޕޯޓު ކާޑު ބަލައިގަންނަން އާސަންދަ ކުންފުނިން ނިންމައިފި އެވެ.

އާސަންދަ ކުންފުނިން މިއަދު ބުނީ، އެގޮތަށް ނިންމީ ސަރުކާރުގެ މުއައްސަސާތަކާއި ހޮސްޕިޓަލްތަކާއި ބޭންކުތައް ފަދަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ތަންތަނުން އައިޑީ ކާޑެކޭ އެއްފަދައިން ޕާސްޕޯޓް ކާޑަކީ ވެސް ކާކުކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ބަލައިގަންނަން ސަރުކާރުން ނިންމުމުން ކަމަށެވެ.

ޕާސްޕޯޓް ކާޑު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ބޭނުން ކުރަން ރައީސް ނިންމެވީ މިދިޔަ ބުދަ ދުވަހު އެވެ.

ރައީސް އޮފީހުން އެދުވަހު ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ، ޕާސްޕޯޓް ކާޑަކީ، ދިވެހި ރާއްޖޭގައި މި ވަގުތު ބޭނުންކުރާ ކާކުކަން އަންގައިދޭ ލިޔުންތަކުގެ ތެރެއިން ޕާސްޕޯޓް ފިޔަވައި ސަލާމަތީ ގޮތުން އެންމެ ރައްކާތެރި، ނަކަލު ނުކުރެވޭނެ ގޮތަށް ހަދާފައިވާ ކާކުކަން އަންގައިދޭ ލިޔުން ކަމަށެވެ.

ބޭންކު ކާޑެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭ ޕާސްޕޯޓް ކާޑު ހެދުމުގެ ފީ އަކީ 450 ރުފިޔާ އެވެ. އެ ކާޑު ހަދައިދިނުމަށް ހަމަޖެހިފައި ވަނީ 2016 ޖެނުއަރީގެ ފަހުން އީ -ޕާސްޕޯޓު ހައްދާފައިވާ ފަރާތްތަކަށާއި އަލަށް އީ ޕާސްޕޯޓު ހަދާ ފަރާތްތަކަށެވެ.