04 Dec 2017, 09:33
އިވާން ޕެރިސިޗްގެ ހެޓްރިކާއެކު އިންޓަ މިލާން އިޓާލިއަން ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
އިންޓަގެ ދަނޑުގައި ކުޅުނު އެ މެޗެ އެ ޓީމުން ކާމިޔާބު ކުރީ ކިއޭވޯ ވެރޯނާއާ ވާދަކޮށް 0-5 ގެ ނަތީޖާ އަކުންނެވެ. މި މޮޅާއެކު އިންޓަ އަށް ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު 15 މެޗުން 39 ޕޮއިންޓާއެކު އެވެ. ޔުވެންޓަސް އަތުން ބަލިވެ ނަޕޯލީ ވަނީ ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. އެ ޓީމަށް 28 ޕޮއިންޓް ލިބޭއިރު، ތިން ވަނާގައި އޮތް ޔުވެންޓަސް އަށް ލިބެނީ 37 ޕޮއިންޓެވެ.
މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓްގައި އިންޓަ އަށް ކާމިޔާބުކޮށްދިނީ ޕެރިސިޗްއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންޓަގެ އިތުބާރު ފޯވާޑް މައުރޯ އިކާޑީ ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާ ކޮށްދީފައެވެ.
އިންޓަގެ ތިން ވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ވެސް ޕެރިސިޗް އެވެ. އަދި އޭގެ ތިން މިނެޓްފަހުން އިންޓަގެ ހަތަރުވަނަ ލަނޑު މިލާން ސްކްރިނިއާރް ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަހު ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދީ ޕެރިސިޗް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ލީގުގެ އެއްވަނާގައި އިންޓަ އޮތީ އަދި އެއްވެސް މެޗަކުން ބަލިނުވެއެވެ.
ލީގުގައި ރޭ ފަހުވަގުތު ގޯލްކީޕަރު ކާމިޔާބުކުރި ގޯލުން ފަހަތުން އަރައި ބެނެވެންޓޯ އިން ވަނީ ޖެނާރޯ ގަޓޫސޯގެ ދަށުން އޭސީ މިލާން ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ހިފަހައްޓައިފައެވެ. އެ މެޗުން އެއްވަރު ވުމުން އޭސީ މިލާން އޮތީ 21 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ.