ޗައިނާއާ އެކު ރާއްޖެ އިން ސޮއިކުރަން އުޅޭ މިނިވަން ވިޔަފާރީގެ އެއްބަސްވުން އިދިކޮޅު ޕާޓީތަކުން ދިރާސާ ކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒު ވިދާޅުވީ އެ އެއްބަސްވުމުން ސިފަވެގެންދަނީ ރާއްޖެއަކީ ޗައިނާ އަށް ވިއްކާލާފައިވާ ގައުމެއްގެ ގޮތުގައި ކަމަށާއި ހާހެއްހާ ސޮފްހާގެ އެ އެއްބަސްވުން އިދިކޮޅު ޕާޓީތަކުން ދިރާސާކުރަމުންދާ ކަމަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރަން މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ރުހުން ދިން ނަމަވެސް އިދިކޮޅު ޕާޓީތަކަށް އެ އެއްބަސްވުން ދިރާސާކޮށް ނިމިފައިނުވަނީ އޭގެ ބޮޑުކަމުން ކަމަށް ޝިފާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީތަކުން މިދަނީ މި އެއްބަސްވުން ދިރާސާ ކުރަމުން. މި އެއްބަސްވުމުގެ ބޮޑުކަމުން އަޅުގަނޑުމެނަށް އަދިވެސް އެއްކޮށް ދިރާސާކޮށެއް ނުނިމޭ،" ޝިފާޒު ވިދާޅުވި އެވެ.

އެއް ދުވަސްތެރޭ މަޖިލީހުން އެ އެއްބަސްވުމަށް ރުހުން ދިނުމަށް ފާސްކޮށްފައިވުމަކީ ރައްޔިތުންނަށް ކަންތައްތަކެއް ފޮރުވަން އަވަސް އަރުވާލައިގެން ކުރި ކަމެއް ކަމަށް ޝިފާޒު ވަނީ ތުހުމަތުކުރައްވާފަ އެވެ.

އެ އެއްބަސްވުމުގައި ހިމަނާފައިވާ ހުރިހާ ކަމެއް ތިލަކޮށް ރައްޔިތުންނަށް ކިޔައިދިނުމަށް ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ޗައިނާއާ އެކު ސޮއިކުރަން އުޅޭ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި އެހެން ގައުމުތަކުން ކުރާ ވިޔަފާރިތަކަށް އަސަރުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހުރިހާ އެއްޗެއް ވެސް އިންޕޯޓްކޮށްގެން ބޭނުންކުރަމުންދާ ގައުމަކަށް ވުމުން ހުރިހާ އެއްޗަކަށް ބަރޯސާ ވާން ޖެހޭނީ ޗައިނާއަށް. ބާޒާރުގައި އޮންނާނީ ޗައިނާގެ މުދާ،" ޝިފާޒު ވިދާޅުވި އެވެ.

ޗައިނާ އާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުން ރާއްޖެއަށް ގެއްލުންތަކެއް ވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ ސަރުކާރުން އަންނަނީ އެކަމަށް ރައްދު ދެމުންނެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ އެ އެއްބަސްވުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ އެއްބަސްވުން ރަނގަޅަށް ދިރާސާނުކޮށް ކަމަށެވެ.

ސައީދު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މިންވަރު އިތުރުވެ ދިވެހީންނަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.