އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހާމް އަތުން މޮޅެއް ހޯދައި، މެންޗެސްޓާ ސިޓީން ޗެލްސީ އާއި އާސެނަލްގެ ރެކޯޑަކާ އަރައި ހަމަކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހާމްގެ މައްޗަށް ސިޓީން ކުރި ހޯދާފައި 2-1 ލަނޑުގެ ނަތީޖާ އަކުންނެވެ.

މިސީޒަނުގައި ސިޓީން ކުޅުނު 15 މެޗުގެ ތެރެއިން 14 މެޗުން ވަނީ މޮޅުވެފައެވެ. އަނެއް މެޗުގައި ސިޓީ ވަނީ އެވަޓަން އަތުން 1-1 ލަނޑުން އެއްވަރުވެފައެވެ. އެވަޓަން އަތުން އެއްވަރުވި މެޗަށް ފަހު، ވިދިވިދިގެން 13 ލީގު މެޗުން ސިޓީ ވަނީ މޮޅުވެފައެވެ. ކުރިން އެއް ސީޒަނެއްގައި ވިދިވިދިގެން 13 ލީގު މެޗު، ކާމިޔާބުކޮށްފައިވާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ ހަތަރު ކްލަބެކެވެ. އެއީ ޗެލްސީ އާއި، އާސެނަލް އާއި، ސަންޑަލެންޑް އަދި ޕްރެސްޓަން އެވެ. މިހާރު ސިޓީން ވެސް މިވަނީ އެ ރެކޯޑާ އަރައި ހަމަކޮށްފައެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެސްޓް ހާމްގެ ގޯލަށް ސިޓީން ނުރައްކާ ކުރަމުން ދަނިކޮށް، ފުރަތަމަ ލަނޑު ޖަހައި ވެސްޓް ހާމް އިން ވަނީ ލީޑު ހޯދައިފައެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އާރޮން ކްރެސްވެލް ނަގައިދިން ހުރަހަކުން ވެސްޓް ހާމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެންޖެލޯ އޮގްބޮނާ އެވެ.

ސިޓީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 57 ވަނަ މިނެޓުގައެވެ. ގެބްރިއަސް ޖީސަސް ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑި އެވެ.

ސިޓީން ލީޑު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، އެ ޓީމަށް އެކަން ކާމިޔާބުވީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. ކެވިން ޑި ބްރޭނާ ދިން ރީތި ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައިގައި އަދިވެސް އޮތީ ސިޓީ އެވެ. ސިޓީއަށް 15 މެޗުން 43 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައި ވަނީ 35 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޗެލްސީއަށް 32 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 29 ޕޮއިންޓެވެ.